ނިމިގެން މިދިޔަ އަހަރަކީ ދިވެހި ފިލްމު ދާއިރާގައި ވަރަށް ވާދަވެރިކަން ބޮޑު އަދި ކަމިޔާބު އަހަރެއް ކަމުގައި ބުނެވިދާނެ އެވެ. އަހަރު ނިންމާލި އިރު އޮލިމްޕަސް ސްކްރީނުގައި ފުލުފުލުގައި ފިލްމުތައް އަޅުވާ އެހާ ގިނަ އަދަދެއްގެ ހައުސްފުލް ޝޯތައްވެސް ދެއްކި އެވެ.
އެހެންކަމުން މިއަހަރަށް ފިލްމީ ދާއިރާގައި ކުރެވޭ އުއްމީދުތައް މިދިޔަ އަހަރަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން އާ އަހަރާ މެދު ކުރާ އުއްމީދު ތަކާއި، ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވީނިއުސް އާއި ހިއްސާ ކޮށްފައިވާ ބައެއް މައުލޫމާތު ހިމަނާލާނަ މެވެ.
އަމްޖޭގެ އާ އަހަރުގެ އުންމީދު
މިހާތަނަށް އެންމެ ގިނަ ފިލްމު އުފައްދި ޑައިރެކްޓަރަކީ އަމްޖަދް އިބްރާހިމް (އަމްޖޭ) އެވެ. އަމްޖޭގެ އާ އަހަރުގެ އެންމެ ބޮޑު އުއްމީދަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެކި މީހުންގެ މެދުގައި ހިނގާ ކޯޅުންތައް ނިމުމަކަށް ގެނެސް އެންމެ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމެވެ. އަދި ފިލްމީ ދާއިރާގައި މީޑިއާތަކުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލާ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބުމަކީވެސް އަމްޖޭގެ މިއަހަރުގެ އުއްމީދެކެވެ.
"ބައެއް ފިލްމު ތަކަކީ މާ ކަމުދާ ފިލްމަކަށް ނުވިޔަސް މީޑިއާއަކާ ޕްރޮޑިއުސަރުންނާއި ގާތްގުޅުމެއް އޮވެއްޖެއްޔާ އެ ފިލްމެއް ދެން ވަރަށް ޕްރޮމޯޓް ކުރާނެ، އެހެން ބައެއްގެ ފިލްމެއް ހަބަރެއް ޖަހާދޭން އެދުނަސް މާ ބޮޑު ސަމާލުކަމެއް ނުދޭނެ" އަމްޖޭ ބުންޏެވެ.
މިދިޔަ އަހަރަކީ ފިލްމީ ދާއިރާގައި ކާމިޔާބު އަހަރެއްނަމަވެސް އަމްޖޭއަށް މާ ކާމިޔާބު އަހަރެއް ނޫނެވެ. އެހެންނަމަވެސް މިއަހަރަކީ އަމްޖޭގެ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް އަންނާނެ އަހަރެއް ކަމަށް އޭނާ ބުނެއެވެ.
އެގޮތުން މިއަހަރު ބެލުންތެރިންނާ ހަމައަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ތެރޭގައި، އަމްޖޭގެ 50 ވަނަ ފިލްމް ގިލަން ހިމެނެއެވެ. ފިލްމްގެ މަސައްކަތް ފެށިފަހުން އަހަރުތަކެއް ވެފައިވާއިރު މި ފިލްމު މިއަހަރު ބެލުންތެރިންނާ ހަމައަށް ގެނައުމަށް އަމްޖޭ އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މިއަހަރު އަޅުވަން ތައްޔާރުވާ އަނެއް ދެ ފިލްމަކީ 'ރޭ ވުމުން' އަދި 'ދޭތީ އަނިޔާ' އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު އަޅުވާ ގިނަ ފިލްމުތަކުގައިވެސް އާ މޫނުތަކެއް ފެންނާނެ ކަމަށް ފިލްމުތައް އުފައްދާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަމްޖޭގެ 'ރޭ ވުމުން' ފިލްމަކީވެސް ލީޑް ރޯލުން އާ ބަތަލާއެއް ފެންނާނެ ފިލްމެކެވެ. އަމްޖޭގެ އުންމީދަކީ އޭނާ ތައާރަފްކުރާ އާ ފަންނާނުގެ ހުނަރަކީ އަކީ ބެލުންތެރިން ބަލައިގަންނަ ވަރުގެ މޮޅު ހުނަރަކަށް ވުމެވެ.
ފިލްމީ ދާއިރާއަށް އާ ތަރިން ތައަރާފްކުރުމާ ގުޅޭ ގޮތުން އަމްޖޭ ބުނީ ފިލްމެއް ކުޅެލާފަ ނުގެއްލި ދާއިރާގައި ހަރުލާ ކަމަށްވާނަމަ އާ މޫނުތައް ނެރެންވީ ކަމަށެވެ. އެހެންނޫންނަމަ އާ ތަރިން ތައާރަފް ކުރުމުގެ ބޭނުމެއް ނެތެވެ.
ނިއުމާ ސްކްރީނުން ގެއްލުނަސް ފިލްމީ ދާއިރާގައި ދެމި ހުންނާނެ
އަންހެން ތަރިންގެ ތެރެއިން ބެލުންތެރިންގެ މެދުގައި އަދި ފިލްމި ދާއިރާގެ އެހެން ފަންނާނުންގެ މެދުގައިވެސް އެންމެ މަގްބޫލު އެކަކީ ނިއުމާ މުހައްމަދު އެވެ.
މިއަހަރަކީ ނިއުމާގެ ސަޕޯޓަރުންނަށް މާ އުފާވެރި އަހަރެއް ނޫން ކަމަށް ވިޔަސް ނިއުމާ ޔަގީންކަންދޭ ގޮތުގައި އޭނާ ފިލްމީ ދާއިރާއާއި ދުރަކަށް ނުދާނެ އެވެ.
'ނިވައިރޯޅީ' އާއި އެކު ސްކްރީނުތަކުން ނިއުމާ ނިވާވިނަމަވެސް ކެމެރާގެ ފުރަގަހުގައި ޕްރޮޑަކްޝަންގެ މަސައްކަތްތަކުގައި ނިއުމާ ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މިއަހަރާ މެދު ނިއުމާގެ އުއްމިީދުތަކަކީ މިދިޔަ އަހަރެކޭ އެއްގޮތަށް ބެލުންތެރިންނާ ހަމައަށް ރަނގަޅު ފިލުމުތަކެއް އައުމެވެ. ނިއުމާ ބުނީ މިއަހަރުވެސް ވަރަށް ގިނަ ފިލްމުތަކެއް އަޅުވާ ގޮތަށް ހަމަޖެހިފައިވާއިރު ނިއުމާގެ ވަދާއީ ފިލްމު 'ނިވައިރޯޅި' އަކީވެސް ބެލުންތެރިންގެ މެދުގައި މަގްބޫލު ފިލްމަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.
މި އަހަރަކީ ސިޔާސީ ހަލަބޮލިކަން އިތުރުވާނެ އަހަރެއް ކަމަށް ބެލެވޭތީ ނިއުމާގެ ވަދާއީ ފިލްމު މިއަހަރުގެ އޮކްޓޯބަރު މަހު ޕްރިމިއާ ކުރާނެ ކަމުގެ ޔަގީންކަން މިހާރު ކުޑަ ކަމަށް ނިއުމާގެ ވާހަކަތަކުން އެނގެ އެވެ. އަދި ނިއުމާގެ ނިވައިރޯޅި ދައްކާނެ ވަކި ތާރީހެއް ކަނޑައަޅަން ވެސް ނިއުމާ މިވަނީ ދަތިވެފަ އެވެ. އޭނާ ބުނީ ފިލްމު އަޅުވާނީ ސިޔާސީ ކަންކަން ހުންނަ ގޮތަކަށް ބަލާފަ ކަމަށެވެ. އެހެންކަމުން މިއީ އާ އަހަރުގެ އުއްމީދުތަކަށް އެޅިފައިވާ ކޮންމެވެސް ވަރެއްގެ ހުރަހެކެވެ.
މޮގާގެ ޓީމުން މިއަހަރުވެސް މަޖޫއާއި ޖުމައްޔިލުގެ ފިލުމުތައް
ޑާކްރެއިން އެންޓަޓެއިންމަންޓުން ކޮންމެ އަހަރަކުވެސް ބެލުންތެރިންނާ ހަމައަށް ރީތި ފިލްމުތަކެއް ގެނެސްދެ އެވެ. އެ ފިލްމުތަކަކީ އެކި އުމުރުފުރާތަކުގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެވެ. ޑާކްރެއިންގެ މޫނުމަތި ކަމުގައި ބެލެވޭ ދެ ތަރިންނަނީ މުހައްމަދު ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖްދާ (މަޖޫ) އެވެ.
ޑާކްރެއިނުން މިއަހަރު އުފައްދާ ފިލްމުތަކުގައިވެސް ލީޑްރޯލުން ފެނިގެންދާނީ މައިގަނޑު ގޮތެއްގައި މި ދެތަރިންނެވެ.
ގައުމީ ފިލްމު އެވޯޑުސްގައި މިދިޔަ އަހަރުގެ އެންމެ މޮޅު ބަތަލާ އާއި ބަތަލުގެ މަގާމު ހޯދާފައިވާ މިދެތަރިންނާ އެކު ޑާކްރެއިންގެ މިއަހަރުގެ ފުރަތަމަ ފިލްމަކަށް ބެލުންތެރިންނަށް ފެންނާނީ މާޗް ފަސްވަނަ ދުވަހު ޕްރިމިއާ ކުރަން ހަމަޖެހިފައިވާ "ވަކިން ލޯބިން" އެވެ. ދެވަނަ ފިލްމަކަށް އޭޕްރީލް ފަސްވަނަ ދުވަހު ޕްރިމިއާ ކުރަން ހަމަޖެހިފައިވާ 'ގޮއްރާޅު" އެވެ.
ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ޕްރޮޑިއުސްކޮށް ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މިއަހަރުވެސް ޑާކްރެއިންގެ ރަނގަޅު އުފެއްދުންތަކެއް ފެންނާނެ ކަމަށެވެ. އަދި މިއަހަރު ނެރެން ހަމަޖެހިފައިވާ ދެ ފިލްމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށާއި "ވަކިން ލޯބިން"ގެ މަސައްކަތް އުޅެނީ އެންމެ ފަހު މަރުހަލާގައި ކަމަށްވެސް މޮގާ ބުންޏެވެ.
މޮގާ އަކީ ފަހުގެ ފިލުމުތަކަށް ޒުވާނުންގެ ހިތްޖައްސުވައިދިން ކުޅަދާނަ ޕްރޮޑިއުސަރެކެވެ. ޒުވާނުންގެ މެދުގައި ހިނގާ ހާދިސާތައް ފިލްމުތަކުގައި ހިމަނައިގެން އަދި ޒުވާން ފަންނާނުން ބޭނުންކޮށްގެން މޮގާގެ ޓީމުން ހަދާ ފިލްމުތަކަށް އޮލިމްޕަހަށް ވަންނަ ޒުވާނުން ވަރަށް ގިނަ ކަން ފާއިތުވި އަހަރުތަކުގެ ތަޖުރިބާއިން ފާހަގަކުރެވުނެވެ.
އާ ތަރިން މިދާއިރާއަށް ތައާރަފްކޮށް އެތަރިންގެ ކޮލިޓީ ދެމެހެއްޓުމަށް ޑާކްރެއިން އިން ވަރަށް ބޮޑަށް އިސްކަންދޭ ކަންވެސް މިދިޔަ އަހަރު އެ ޓީމުން ކޮށްފައިވާ މަސައްކަތްތަކުން ފާހަގަކުރެވުނެވެ. އާ އަހަރާ އެކު މިދާއިރާއަށް ނިކުންނަ އާ ކުދިންނަށް މޮގާދޭ ނަސޭހަތަކީ މިދާއިރާއަށް ވަންނަ ނަމަ ދާއިރާގައި ދެމިތިބުމަށެވެ. އަލަށް ފިލްމެއް ކުޅެފައި ދެން އެހެން ފިލްމެއްގައިވެސް އެފަދަ ތަރިން ފެންނަން ޖެހޭނެ ކަމަށާ، ފިލްމީ ދާއިރާއިން ނުގެއްލި ތިބޭ ކަމުގައި ނުވާނަމަ އަލަށް ތަރިއަކު ނެރުމުގެ މަގްސަދު ހާސިލް ނުވާނެ ކަމަށްވެސް މޮގާ ގަބޫލު ކުރެ އެވެ.
"ބޮޑު އަގުދީފަ ފިލްމު ބަލަން މީހުން ވަންނަނީ. އެހެންވީމަ އާ ތަރިން ޖެހެނޭ ބެލުންތެރިންގެ އިތުބާރު ދަމަހައްޓަން. ބެލުންތަރިންނެކޭ އެއްފަދައުން ދެމި ހުންނަންވާނެ މި ދާއިރާގައި" މޮގާ ބުންޏެވެ.
ނަހުލާ މިއަހަރުވެސް ދެ ފިލްމެއްގެ މަސައްކަތް ކުރާނެ
ފާތިމަތު ނަހުލާއަކީ ބެލުންތެރިން ރޮއްވާލާ ފެންވަރުގެ މޮޅުވާހަކަތަކެއް އަމިއްލައަށް ލިޔެގެން ފިލްމު އުފައްދާ ކުޅަދާނަ ޕްރޮޑިއުސަރެކެވެ. ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ކޮންމެ ފިލްމަކީވެސް ހައުސްފުލް ގިނަ ޝޯތަކެއް ދެއްކުމަށް ފަހު ބޮޑު އާމްދަނީ އެއް ހޯދާ ފިލްމުތަކެކެވެ.
މިކާމިޔާބު ޕްރޮޑިއުސަރަށް މި އަހަރަކީ މާ ފަސޭހަ އަހަރެއް ނޫނެވެ. އެހެންނަމަވެސް ބެލުންތެރިންނާ ހަމައަށް މިއަހަރުވެސް މޮޅު ދެ ފިލްމެއް ގެނެސްދިނުމަށް ނަހުލާ ވަނީ އަމާޒު ހިފާފަ އެވެ.
"ވަރަށް އުނދަގޫ އަހަރަކަށް މިއަހަރު މިވަނީ. ވޯލްޑްކަޕް ފުޓުބޯޅަ ނިމިގެން ރޯދަ މަސް ނިމިގެން ދެން ފެށޭނީ ސިޔާސީ ކަންތައްތައް، އަހަރެންގެ ފިލްމުތައް އަޅުވާނީ ސިޔާސީ ކަންތައްތައް ދާ ގޮތެއް ބަލާފަ އޮލިމްޕަސް ރަނގަޅު ތާރީހެއްގައި ލިބެންޏާ، އެހެން ނޫނީ މިއަހަރު އަޅުވާކަށް ބޭނުމެއް ނޫން" ނަހުލާ ބުންޏެވެ.
ނަހުލާއާ ބުނީ މިއަހަރު ފިލްމެއް އަޅުވަންޏާ އަޅުވަންވީ ޖޫންގެ ކުރިން ކަމަށެވެ. އޭގެ ފަހުން ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ ފިލްމު ބަލަން ވަގުތު ދެވޭނެ މީހުން މަދުވާނެ ކަމަށް ލަފާކުރެވޭތީ ނަހުލާގެ ފިލުމުތައް އަޅުވާނެ ތާރީހެއް ނިއުމާއެކޭ އެއްގޮތަށް ނަހުލާ ވެސް އަދި ނުނިންމަ އެވެ.
އަނެއްކޮޅުން އޮލިމްޕަހުގައި އެންމެ މަދުވެގެން 30 ވަރަކަށް ޝޯ ދެއްކޭ ގޮތަށް އޮލިމްޕަސް ނުލިބޭނަމަ ނަހުލާ ބުނީ މިއަހަރު ފިލްމު ނާޅުވާނެ ކަމަށެވެ. ނަހުލާ ބުނީ އޭނާ ހަދަން ބޭނުންވާ ދެ ފިލްމާ ބެހޭ ގޮތުން އަދި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.
މިއަހަރު ނަހުލާ އުފައްދާ ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ މަރިޔަމް އައްޒައަށް ހާއްސަކޮށްގެން ސްކްރިޕްޓް ލިޔަމުން ގެންދާ ފިލްމެއް ކަމަށް ބެލެވެ އެވެ. މިފިލްމުގެ ލީޑްރޯލް ކުޅުމަށް ނަހުލާ އައްޒައަށް ހުށަހަޅާފައިވާއިރު އައްޒަ ވަނީ މި ފިލްމުގެ ލީޑް ރޯލު އަދާ ކޮށްދޭނެ ކަމަށްވެސް ބުނެފަ އެވެ. ނަހުލާގެ ފިލުމުތަކުން މިއަހަރު އާ ތަރިން ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޝަފީގް އާއި ޔޫއްޕެގެ ޓީމުން ބެލުންތެރިން ސިއްސުވާލާނެ
މިއަހަރު އެންމެ ގިނަ އާ ކާސްޓުން ހިމަނައިގެން އުފައްދާ އެއް ފިލްމަކީ އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ ފިލްމު 40 ޕްލަސް އެވެ.
ޝަފީގް ބުނީ މިއީ ބެލުންތެރިންނަށް ދޭ ސަޕްރައިޒެއް ކަމަށެވެ. ޔޫއްޕެގެ މި ޑައިރެކްޝަނުން ހަމަ ޔަގީނުންވެސް ބެލުންތެރިން ސިއްސުވާލާނެ ކަމަށްވެސް ބުންޏެވެ.
40 ޕްލަސް އަކީ މިދިޔަ އަހަރު ނެރުނު ނޯޓީ 40 ގެ ދެވަނަ ބައެވެ. މި ފިލްމުގެ ޝޫޓިންގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.
އާ އަހަރާމެދު ޝަފީގްގެ އުއްމީދުތަކަކީ ކޮބައިތޯ ސުވާލުކޮށްލުމުން އޭނާ ބުނީ މި އަހަރަކީ ބެލުންތެރިންނަށް ސަޕްރައިޒް ދޭ އަހަރަކަށް ހަދާނެ ކަމަށެވެ. މީގެކުރިން ހަމައެކަނި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ޝަފީގު ބުނީ މިއަހަރު އޭނާ ޑައިރެކްޝަންގެ ތެރެއަށްވެސް ވަންނާނެ ކަމަށެވެ. އަދި މިއަހަރު ކާމިޔާބު ފިލްމުތަކެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝަފީގް ބުންޏެވެ.
ޔޫއްޕެއަކީ މިދާއިރާގައި މަލްޓިޓާސްކް ފަންނާނެކެވެ. ފިލްމު އުފައްދަމުން ސްކްރިޕްޓް ލިޔަމުން އެކްޓްކުރަމުން ދެން ވެސް އެހެނިހެން ކަންކަމުގައި އުޅޭ ފަންނާނުންގެ ތެރޭގައި ޔޫއްޕެވެސް ހިމެނެ އެވެ. ބެލުންތެރިންގެ ލޯބި ހޯދާފައިވާ މި ކާމިޔާބު އެކްޓަރަކީ މިހާރު ކާމިޔާބު ފިލްމުތަކެއް އުފައްދާ ޑައިރެކްޓަރެއްވެސް މެއެވެ.
މިއަހަރު އަޅުވާ ފުރަތަމަ ދިވެހި ފިލްމަކީވެސް ޔޫއްޕެއްގެ ޑައިރެކްޝަނެކެވެ. އެއީ އަންނަ މަހުގެ ހަވަނަ ދުވަހު ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ދެވަންސޫރަ އެވެ.
މީގެ ކުރިން ޔޫއްޕެ ބުނެފައިވަނީ މިއީ އޭނާގެ އަސްލު 'ޓޭސްޓް' ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. އަދި ދެވަންސޫރަ އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމަކަށް ހެދުމަށް ޔޫއްޕެއާއި ފިލްމުގެ ޓީމުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް ޔޫއްޕެ ވަނީ ބުނެފަ އެވެ.
ފިލްމީ ދާއިރާގެ އާ އަހަރުގެ އުއްމީދުތަކާއި ގޮންޖެހުންތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ