އަބްދުﷲ ރިޔާޒާ ފުލުހުން އެއްވެސް ސުވާލެއްް ނުކުރޭ: ޢަލީ ހުސައިން

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ހައްޔަރު ކުރި ސަބަބާ ގުޅޭ ގޮތުން މިހާތަނަށް ވެސް ފުލުހުން އެއްޗެއް ބުނެފައި ނުވާ ކަމަށް ރިޔާޒާ ހަވާލާ ދީ، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލް އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އަލީ ކުރެއްވި ޓުވީޓެއްގައި ރޭ ވިދާޅުވީ ހައްޔަރުކުރުމަށް ފަހު މިހާތަނަށް ފުލުހުން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވާ ކަމަށެވެ. އަދި ތުހުމަތު ކުރާ ކުށެއް ވެސް ރިޔާޒަށް އެނގިވަޑައިނުގަންނަވާ ކަމަށް އަލީ ވިދާޅުވި އެވެ.
ދޫނިދޫގައި ރިޔާޒް ހުންނެވީ ވަރަށް ގަދަކޮށް ކަމަށާއި ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ރައްޔިތުން ސަލާމަތް ކުރަން ކަމަށް ވިދާޅުވި ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
އަލީ ހުސެއިން ކުރެއްވި ޓުވީޓް.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް ކުރަނީ ސީދާ ކޮން ތުހުމަތެއް ކަން މިހާދުވަސް ވާއިރުވެސް ފުލުހުންނަށް ބުނަންނޭނގުނު ނަމަވެސް އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް އޭގެތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި އަދިވެސް 36 މީހަކު އެބަ ތިބިިކަމަށް އިދިކޮޅު ޕާޓީތަކުން ބުނެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތް ހިންގަން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާލަތުގެ ދަށުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ އެ ބައި، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފަ އެވެ. އެހެންވެ، ދެން އެ އަމުރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ