އެމްޑީޕީއަށް މާލީ އެހީ ދޭނެ މީހުން އެބަތިބި؛ ރަނގަޅު ގޮތަކީ އިންތިހާބު ބޭއްވުން: ނަޝީދު

އެމްޑީޕީއަށް މާލީ ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ އެހީތެރިކަން ދޭނެ ވަރަށް ގިނަ މީހުން އެބަތިބި ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަވަހަށް ބޭއްވުންކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗެއާޕާސަން އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މޫސާ ވަނީ ހުށަހަޅުއްވައިފަ އެވެ.
ޗެއާޕާސަން އިންތިހާބުގެ އިތުރުން ދާއިރާތަކުގެ އިންތިހާބު ވެސް ފަސްކުރުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު އެދިވަޑައިގެންނެވީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައިވާ ގޮތުން އިންތިހާބު ފަސްކުރަން ބޭނުންވަނީ:
މި ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން
ތަފްސީލް - ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ނަޝީދު ކެމްޕޭނުގައި ތ. ކިނބިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބު ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަކީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ޕާޓީއަށް އޮތް ވަރަށް ބޮޑު ފައިދާއެއް އަދި ރަނގަޅެއް ކަމަށެވެ.
"މާލީ ދަތިތައް އެންމެން ހޭދަކޮށްގެން ހައްލު ކުރެވޭނެ. އަދި ޕާޓީއަށް އެހީވުމަށް ވަރަށް ގިނަ މީހުން ތިބެނީ ތައްޔާރަށް. ވިޔަފާރިވެރިން ވެސް ތިބެނީ މާލީ އެހީ ދޭން ވެސް ތައްޔާރަށް. އެހެންވީމާ އެއީ މާ ބޮޑު ދައްޗަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީ ބައިބައިނުވެ އެކީ އޮތުމަށް ވަރަށް ގިނަ މީހުން އެދޭ ކަމަށެވެ.
"ޕާޓީ އެކީގައި އޮތުމަކީ ވާދަވެރިކަމާ އެކު އިންތިހާބެއް ބާއްވާ އެ އިންތިހާބުން ކާމިޔާބުވާ ބަޔެއް ކުރިއަށް އަރާ އެ މީހުންގެ ފަހަރަށް ނާކާމިޔާބުވާ މީހުން އެރުން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މި އިންތިހާބަށް ނިކުމެ މި ހުރީ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރަން. އެކަމަކު އެއްވެސް ހާލެއްގައި އެއީ މީހަކު އެހެން ނޫނީ ބަޔަކު ބާކީ ކުރާކަށް ނޫން."
އެމަނިކުފާނު އިންތިހާބަށް ނިކުމެވަޑައިގަތީ  ޕާޓީގެ ތެރެއިން އެއްވެސް ބަޔެއްގެ ބާރުވެރިކަން ކުޑަ ކުރުމަށް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހުރިހާ އެންމެންނަށް ވެސް މި ޕާޓީގައި ޖާގަ އޮންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެން ދެނެގަންނަން އެބަ ޖެހޭ އިންތިހާބުތަކުން ކާމިޔާބު ކުރަނީ ކޮންބަޔެއްތޯ އާއި ޕާޓީގެ މެންބަރުން ތިބޭ ގޮތް އަޅުގަނޑުމެންނަށް އޮޅުންފިލަން އެބަ ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެޒ
ފާހަގަ ކުރެވޭ - ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކުރުމާ، އިންތިހާބުގައި ދެން ވާދަކުރައްވާ މީކާއިލް ނަސީމް ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އިންތިހާބު ބާއްވަން އިއުލާނު ކޮށްފައިވަނީ އަންނަ މަހުގެ 12ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ