ޙައްޖުވެރިން ހިތްހަމަޖެހޭފަދަ ޚިދުމަތްތަކެއް އެހީތެރިންގެ ޓީމުން މިއަހަރުވެސް ފޯރުކޮށްދޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ކޮންމެ އެހީތެރިއަކަށްވެސް ޙައްޖަށް ފުރުމުގެ ކުރިން ޚާއްސަ ތަމްރީންތަކެއް ދެއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރުވެސް ލިބިފައިވަނީ 1000 ޙައްޖު ކޯޓާއެވެ. އެހީތެރިންގެ ގޮތުގައި ދާ މީހުންވެސް ހިމެނެނީ މި ކޯޓާގެ ތެރެއިންނެވެ.
އެހީތެރިންނަކީ ޙައްޖުގެ މަނާސިކުގައި ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުމުގައި ހަރަކާތްތެރިވާނެ މީހުންނެވެ. އެގޮތުން ދަތުރުފަތުރާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި ހޮޓަލާއި އިދާރީ އެންމެހާ ކަންކަމުގެ އިތުރުން ޞިއްޙީ އެހީތެރިންގެ ގޮތުގައި އެކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓީމްތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އަޅުކަމުގެ ކަންކަމުގައިވެސް ބޭނުންވާ އެންމެހާ އިރުޝާދުތަކާއި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ކޮންމެ އެހީތެރިއަކީވެސް، ޙާޖީންނަށް ބޭނުންވާ އެންމެހާ ކަންކަމުގައި އިރުޝާދުތައް ދެވޭނެހެން ހޭލުންތެރިކޮށް، ތަމްރީން ދީފައިވާ އެޙީތެރިއަކަށްވާނެއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، އެހީތެރިންގެ ޓީމަކީ، ޙައްޖުވެރިއަކަށް ކޮންމެފަދަ އެހީތެރިކަމެއް ބޭނުންވިނަމަވެސް އެހީތެރިކަން ދެވޭވަރުގެ ޓީމެއްކަމަށެވެ.
"ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން އަދި އާއްމުކޮށް ހުޅުވާލައިގެން ނަގާ ޓީމެއް އެހީތެރިންގެ ގޮތުގައި ހިމެނޭ. މިއިން ކޮންމެ އެހީތެރިއަކުވެސް މި ތަމްރީންތަކުގައި އެބަ ބައިވެރިވޭ. އަދި ފަހުން ޙައްޖުވެރިން ހޭލުންތެރިކުރުމަށް ބާއްވާ ބައްދަލުވުންތައްވެސް ކުރިއަށްގެންދާނަން." ޝަކީލް ވިދާޅުވިއެވެ.
ރާއްޖެއިން ޙައްޖުގެ ކަންކަމަށް ދާ އެޑްވާންސް ޓީމް ފުރާނީ ހޯމަ ދުވަހުއެވެ. އަދި ޙާޖީން ފުރާނީ 15ވަނަ ދުވަހުން ފެށިގެން، 4 ފްލައިޓެއްގައެވެ. ކޮންމެ ފްލައިޓެއްގައިވެސް އެހީތެރިންގެ ޓީމްތަކުން ބައިވެރިވާނެއެވެ.
ޙައްޖުވެރިންގެ އެހީތެރިންނަށް ޚާއްޞަ ތަމްރީނުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ