ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު، 20 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ފޮރެންސިކް ތަހުލީލުތަކަށް ލިބުނު ކުރިއެރުމަކާ ގުޅިގެން އަތުލައިގަނެ، ޖަލަށް ލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2004 ވަނަ އަހަރުގެ ޖޫން މަހު އިނގިރޭސިވިލާތުގެ ބްރެޑްފޯޑްގައެވެ. އޭރު އުމުރުން 31 އަހަރުގެ އަބްދުލް ގައްޔޫމް، އުމުރުން އެންމެ 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސްގެން މަސްތުވާތަކެއްޗާއި ރާ ދީގެން ޖިންސީ ގޯނާ ވަނީ ކޮށްފައެވެ.
މިހާރު އުމުރުން 53 އަހަރުގެ ގައްޔޫމް، އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކަށް އިންކާރު ކުރި ނަމަވެސް، ބްރެޑްފޯޑް ކްރައުން ކޯޓުން ވަނީ އޭނާ ކުށްވެރިވާ ކަމަށް ނިންމައި 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން، އޭނާގެ ނަން ވަނީ އުމުރަށް ޖިންސީ ކުށްވެރިންގެ ދަފްތަރުގައި ހިމަނާފައެވެ.
ކޯޓުގައި ހާމަކުރި ގޮތުގައި، ގައްޔޫމް އެ ކުއްޖާއާ ދިމާވީ އޭނާގެ ރަހުމަތްތެރިއަކު ދުއްވި ކާރެއްގެ ފަސިންޖަރެއްގެ ގޮތުގައި އިންދައެވެ. އެމީހުންނާއެކު ދިއުމަށް އެ ކުއްޖާއަށް ބާރުއަޅައި، އެންމެ ފަހުން ކާރަށް އެރުމަށް އަމުރުކުރިއެވެ. އެއަށްފަހު، ގައްޔޫމްގެ އެޕާޓްމަންޓަށް ގެންގޮސް އެ ކުއްޖާއަށް މަސްތުވާތަކެތި ދީ، ރާ ބޯންދިނުމަށްފަހު ވަނީ ޖިންސީ ގޯނާކޮށްފައެވެ. އެ ކުއްޖާ އެތަނުން ދިޔަ ނުދިނުމަށް އޭނާ މަސައްކަތް ކުރި ނަމަވެސް، އެ ކުއްޖާ ވަނީ ފުލުހުންނަށް ގުޅައި އެތަނުން ސަލާމަތްވެފައެވެ.
އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ދިން ބަޔާނުގައި ބުނެފައިވަނީ، އޭނާއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާ އަޅާބަލާއިރު، ގައްޔޫމަށް ކިތަންމެ ދިގު މުއްދަތެއްގެ ހުކުމެއް އިއްވި ކަމުގައިވިޔަސް އެއީ ފުދޭވަރެއް ނޫން ކަމަށެވެ. "އަހަރެންނަކީ އޭރު އެންމެ 14 އަހަރުގެ ކުޑަކުއްޖެއް. އާދައިގެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ކަލޭ އަހަރެންގެ ކިބައިން ނިގުޅައިގަތީ. 22 އަހަރު ވަންދެން ކަލޭ އާދައިގެ ދިރިއުޅުމެއް އުޅުނުއިރު، އަހަރެން މިއުޅުނީ ކަލޭގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ޖަލެއްގައި އުޅޭ ފަދަ އިހުސާސެއްގައެވެ،" އޭނާ ބުނެފައިވެއެވެ. ނަމަވެސް، އެތައް ދުވަހަކަށްފަހު އިންސާފު ލިބުމުން ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ވެސްޓް ޔޯކްޝަޔަރ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، 2004 ވަނަ އަހަރުވެސް ގައްޔޫމް ހައްޔަރުކޮށް ސުވާލުކުރެވުނެވެ. ނަމަވެސް އޭރު ލިބިފައި ހުރި ހެކިތަކަކީ އޭނާގެ މައްޗަށް ދައުވާ ކުރެވޭ ފަދަ ވަރުގަދަ ހެކިތަކަކަށް ނުވާތީ އޭނާ ދޫކޮށްލީއެވެ. މި މައްސަލަ އަލުން ބަލަން ފެށީ ފުލުހުންގެ "އޮޕަރޭޝަން ރީކޯލް" ގެ ދަށުންނެވެ. މި މަސައްކަތުގެ ތެރެއިން، އޭރު ނަގާފައިވާ ސާމްޕަލްތަކުން ފެނުނު ޑީއެންއޭ އާއި ގައްޔޫމްގެ ޑީއެންއޭ ދިމާވުމުން، އޭނާ މިހާރު އެވަނީ އަތުލައިގަނެވިފައެވެ.
ރޭޕިސްޓް ގައްޔޫމް 20 އަހަރަށް ފަހު އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ