އެމްޑީޕީގެ ތެރޭގައި ތާއީދު ބޮޑު ލީޑަރު ބަލަން އިންތިހާބު ބާއްވަން ޖެހޭ: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވައި، ޕާޓީ ތެރޭގައި ތާއީދު ބޮޑު ލީޑަރަކީ ކޮބައިތޯ ވޯޓަކުން ސާފުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު މިހެން ވިދާޅުވީ ކެމްޕޭނުގައި ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ޕާޓީގައި ފައިސާ ނެތުމާއި ބައިބައިވުން ބޮޑުވެދާނެ ކަމަށް ވިދާޅުވެ، ޗެއާޕާސަން އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވާފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ ރަނގަޅު ވޯޓެއް ނަގައި ކަންކަން ސާފުކުރަން ޖެހޭ ކަމަށާއި، އިންތިހާބު ނުބާއްވައިފި ނަމަ ޕާޓީގެ މަސްލަހަތު މާ ބޮޑަށް ގޯސްވާނެ ކަމަށެވެ. މައްސަލައިގައި ޖެހުމުން އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފޮޓޯއެއް ނަގާލުމަށްފަހު، ކުރިން ހިނގަމުންދާ ގޮތަށް ހިތްހަމަނުޖެހުން އުފެދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ގަފޫރު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިވަގުތު އިންތިހާބު ބާއްވައިފި ނަމަ ޕާޓީ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ބުރޫއަރާނެ ކަމަށެވެ. އަދި ދައުލަތުން ޕާޓީއަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، އިންތިހާބު ބޭއްވޭނެ މާލީ ތަނަވަސްކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ގަފޫރުގެ ހުށަހެޅުމާ ނަޝީދު އަދި ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ