ކަމަދޫ ބައި އިލެކްޝަން ކާމިޔާބު ނުވުމަކީ ރާއްޖޭގެ ރައްޔިތުން ރައީސް ޔާމީންއަށް ކުރަމުންދާ ތާއީދު މިނެކިރޭނެ މިންގަނޑެއްނޫން: ޚަލީލު
ބާ ކަމަދޫ ބައި އިލެކްޝަން ޕީޕީއެމްއަށް ކާމިޔާބު ނުވުމަކީ ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކުރަމުންދާ ތާއީދު މިނެކިރޭނެ މިންގަނޑެއް ނޫންކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރ ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ.އިދިކޮޅު އެމްޑިޕީން ބ. ކަމަދޫ ބައި އިލެކްޝަން ކާމިޔާބު ކުރުމާއި ގުޅިގެން ޗެނަލް ތާޓީންނަށް ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ކަމަދޫ ކައުންސިލްގެ ގޮނޑި ކާމިޔާބު ނުވުމަކީ ސަރުކާރަށާއި ރައީސް ޔާމީނަށް އޮތް ތާއީދު ކުޑަވުން ނޫން ކަމަށެވެ. އަދި ނިސްބަތަށް ބަލާއިރު ކަމަދޫން ޕީޕީއެމްއަށް ލިބުނު ނަތީޖާ ރަގަޅު ކަމަށް ވެސް ޚަލީލު ވިދާޅުވިއެވެ. ޚަލީލު ވިދާޅުވީ މިސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީ ރައްޔިތުން ބަލައިގަންނަ ކަމަށާއި، ސަރުކާރަށް އޮތް ތާއީދު އެނގިގެންދާނީ ރިޔާސީ އިންތިޚާބުގައި ކަމަށެވެ.ޚަލީލު ވިދާޅުވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ވޯޓްގެ އަދަދަށް ބަލާއިރު ކަމަދޫ ބައި އިލެކްޝަންގެ ނަތީޖާ ބޮޑުތަނުން ރަގަޅު ވެފައިވާކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ރައްޔިތުން ސަރުކާރާ މެދު ދެކޭ ގޮތް ކައުންސިލް އިންތިޚާބުގައި ނޭނގޭނެ ކަމަށް ވެސް ޚަލީލު ވިދާޅުވިއެވެ. ކަމަދޫ ބައިއިލެކްޝަން އިދިކޮޅު ކެންޑިޑޭޓު އަޙްމަދު ސާޖިދު ކާމިޔާބުކޮށްފައިވަނީ 169 ވޯޓް ހޯދައިގެން. ޕީޕީއެމްގެ ކެންޑިޑޭޓު އަލީ ނާއިޒަށް ލިބިފައިވަނީ 142 ވޯޓެވެ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ބާއްވާފައި މިވަނީ އެ ކައުންސިލްގެ ނައިބު ރައީސް ކަމުގައި ހުންނެވި އަލީ މައުސޫމް ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ