އޮނާ ވޮޗް 6 ޕްލަސް އޭއައި ފީޗާތަކާއެކު ދައްކާލައިފި
ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އޮނާ އިން އެކުންފުނީގެ އެންމެ ފަހުގެ ސްމާޓްވޮޗް "އޮނާ ވޮޗް 6 ޕްލަސް" 35 ދުވަހުގެ ބެޓެރީ ލައިފާއި އޭއައި ފީޗާސްތަކާއެކު ޗައިނާގެ ބާޒާރަށް ތައާރަފުކޮށްފިއެވެ. އޮނާ 600 ސީރީޒްގެ ފޯނުތަކާއެކު ނެރުނު މި ގަޑިއަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ފިޓްނަސް ބެލެހެއްޓުމަށް ގިނަ ފީޗާސްތަކެއް ހިމަނައިގެން އުފައްދާފައިވާ ޒަމާނީ ގަޑިއެކެވެ. މެއި މަހުގެ 29 އިން ފެށިގެން މި ގަޑި ބާޒާރުން ރަސްމީކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. މި އާ ސްމާޓްވޮޗްގައި ހިމަނާފައިވަނީ 1.46 އިންޗީގެ ވަށް އެމޮލެޑް ސްކްރީނެކެވެ. މި ސްކްރީނަކީ 3,000 ނިޓްސްގެ ބްރައިޓްނަސް ލިބިގެންވާ ސްކްރީނަކަށް ވުމުން، އަވީގެ ތެރޭގައި އުޅޭއިރުވެސް ވަރަށް ސާފުކޮށް ސްކްރީން ފެންނާނެއެވެ. މީގެއިތުރުން ފެނުގެ އަސަރު ހުއްޓަސް ސްކްރީން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ގަޑިއަކީ 5އޭޓީއެމް އަދި އައިޕީ69 ރޭޓިންގްއާއެކު ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ ގަޑިއެކެވެ. މި ގަޑީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ އޭގެ ބެޓެރީއެވެ. 1,000މިލީއެމްޕަޔާގެ ބޮޑު ބެޓެރީއެއް ހިމަނާފައިވާ މި ގަޑި، އާދައިގެ ގޮތަކަށް ބޭނުންކުރާނަމަ 35 ދުވަހާ ހަމައަށް ބެޓެރީ ހިފަހައްޓާނެ ކަމަށް އޮނާ އިން ބުނެއެވެ. އަދި ގަވާއިދުން ގިނަ ފީޗާސްތައް ބޭނުންކުރާނަމަ 17 ދުވަހު ހިފަހައްޓާއިރު، ޖީޕީއެސް މެދުނުކެނޑި ބޭނުންކޮށްގެން 42 ގަޑިއިރު ބޭނުންކުރެވޭނެއެވެ. މިއީ މެގްނެޓިކް ޗާޖިންގް ޑޮކެއް ބޭނުންކޮށްގެން ޗާޖުކުރެވޭ ގަޑިއެކެވެ. އޮނާ ވޮޗް 6 ޕްލަސް: ތަފާތު ކުލަތަކުން ލިބޭނެ --- މެޖިކްއޯއެސް އިން ހިންގާ މި ގަޑިއަކީ އެންޑްރޮއިޑް، އައިއޯއެސް އަދި ހާމަނީއޯއެސް ސަޕޯޓްކުރާ ކޮންމެ ފޯނަކާވެސް ގުޅުވައިލެވޭނެ ގަޑިއެކެވެ. މި ގަޑިން ބްލޫޓޫތު މެދުވެރިކޮށް ކޯލްތަކަށް ޖަވާބުދިނުމާއި، ނޮޓިފިކޭޝަންތައް ބެލުމާއި، އަޑު ރެކޯޑުކުރުމުގެ އިތުރުން ވޮއިސް އެސިސްޓަންޓްގެ ހިދުމަތް ލިބެއެވެ. ސްޕޯޓްސް އަށް ހާއްސަކޮށްގެން ފުޓްބޯޅަ، ބެޑްމިންޓަން އަދި ދުވުމަށް ހާއްސަ މޯޑްތަކެއް ހިމަނާފައިވާއިރު، އޭއައި ބޭނުންކޮށްގެން ވޯކްއައުޓް ކޯޗިންގްގެ އެހީތެރިކަންވެސް ފޯރުކޮށްދެއެވެ. ޞިއްޙީ ދުޅަހެޔޮކަން ބެލުމަށްޓަކައި ހާޓް ރޭޓް މޮނިޓާ ކުރުމާއި، ނިދި ބެލެހެއްޓުމާއި، ކެލޮރީ މޮނިޓާ ކުރުމުގެ އިތުރުން ލޭގެ ޕްރެޝަރުގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ދެނެގަންނަ ޓޫލްތަކާއި ވިންދުގެ މައްސަލަތައް ދެނެގަންނަ އެލާޓް ސިސްޓަމްތައްވެސް މި ގަޑީގައި ހިމެނެއެވެ. މީގެ ބަރުދަނުގައި ހުންނަނީ ގާތްގަނޑަކަށް 41 ގްރާމެވެ. އޮނާ ވޮޗް 6 ޕްލަސްގެ އަގުތައް އެމެރިކާ ޑޮލަރުން ބަލާއިރު، މީގެ ސްޓޭންޑަޑް އަދި ޔުއާންގްޗީ އެޑިޝަން އުޅެނީ ގާތްގަނޑަކަށް 179 ޑޮލަރަށެވެ. އަދި ރޭސިންގް ގްރޭ މޮޑެލް ގާތްގަނޑަކަށް 193 ޑޮލަރަށް ލިބެން ހުންނައިރު، ޓްވައިލައިޓް ބްރައުން މޮޑެލްގެ އަގަކީ ގާތްގަނޑަކަށް 207 ޑޮލަރެވެ. މީގެއިތުރުން އެންމެ އަގުބޮޑު ފްލައިންގް ބްލޫ (ކޮމްޕޮސިޓް ސްޓްރެޕް) މޮޑެލްގެ އަގު އުޅެނީ ގާތްގަނޑަކަށް 234 އެމެރިކާ ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ