އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކާއި އެއްވުންތައް ހުއްޓުވުމަށް ސަރުކާރުން ކިތަންމެ ބިރެއް ދެއްކި ނަމަވެސް އެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ ރައީސް އަދި އެޕާޓީގެ ޗެއަރޕާސަންގެ ނައިބު އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ ކިތައްމެ ދިރެއް ދެއްކި ނަމަވެސް އިދިކޮޅު ފަރާތްތަކުން ފަހަތަށް ނުޖެހޭނެ ކަމަށާއި ދުވަހުން ދުވަހަށް ހަރަކާތްތައް ދާނީ އިތުރުވަމުން ކުރިއަށް ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި އަހުމަދު އަބްދުﷲ މިހެން ވިދާޅުވީ މާދަމާރޭ އިދިކޮޅު ކޯލިޝަނުން އިހަވަންދޫގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށް، ކުއްލި ގޮތަކަށް ރޭ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭއިން) އިން އިހަވަންދޫ ކައުންސިލްގެ ފަސް މެމްބަރުން ސަސްޕެންޑް ކުރި ކުރުމަށް ފާޑު ވިދާޅުވަމުން ނެވެ.
އެލްޖީއޭ އިން ރޭ ވަނީ އިދިކޮޅު އެމްޑީޕީގެ މުޅިއަޢުލަބިއްޔަތު އޮންނަ އިހަވަންދޫ ކައުންސިލްގެ ފަސް ކައުންސިލަރުން ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
އަހުމަދު އަބްދުﷲ ވިދާޅުވީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ ޤާނޫނު އަސާސީން ލިބިދޭ ހައްޤެއް ކަމަށާއި އެކަންކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކަށް ބިރު ނުދެއްކޭނެ ކަމަށެވެ. އަދި އިދިކޮޅު ކައުންސިލަރުން ސަސްޕެންޑް ކޮށް ބިރުދެއްކުމުގެ ކަންކަން ސަރުކާރުން ކުރަނީ އިދކޮޅު ކޯލިޝަންގެ ހަރަކާތްތައް ފުޅާވެގެން ދާތީ އެކަމާއި ބިރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަހުމަދު ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ރައްޔިތުންގެ ވެރިން، އައްޔަންކޮށްފައިވާ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ފޮނުވާ ސިޓީއަކުން ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިހަވަންދޫ ކައުންސިލްގެ ފަސް ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކޮށްފައިވީ ނަމަވެސް އެކައުންސިލަރުން ބިރުން ފަހަތަށް ނުހެޖޭނެ ކަމަށެވެ.
ކިތަންމެ ބިރެއް ދެއްކި ނަމަވެސް ހަރަކާތްތައް ނުހުއްޓުވޭނެ: އަހުމަދު ޢަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ