މަޖިލީހުން ގާނޫނު އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނަން: ޝަކީލު

ރައްޔިތުންގެ މަޖިލީހުން ގާނުނު އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ. 
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ޝަކީލު ވިދާޅުވީ ގާނޫނު ހަދާ ފަރާތްތަކުން ގާނޫނުތަކަށް އިސްލާހު ގެނެސްފިނަމަ އިންތިހާބުތައް އެކުގައި ބޭއްވުމުގެ ކަންކަން އިލެކްޝަނުން ކުރާނެ ކަމަށެވެ. 
"ގާނޫނު ހަދާ ފަރާތްތަކުން އެ ގާނޫނުތަކަށް އެ އިސްލާހުތައް ގެނެސް އިންތިހާބުތައް އެއްކޮށް ބާއްވަން ނިންމަވައިފިނަމަ އަޅުގަނޑުމެން އޭގައި އެއްކޮށް ބާއްވާނީ،" ޝަކީލު ވިދާޅުވި އެވެ. 
ޝަކީލު ވިދާޅުވީ އިންތިހާބުތައް އެއްކޮށް ބާއްވައިފިނަމަ ދައުލަތުން އިންތިހާބުތަކަށް ކުރާ ހޭދަ ރައްޔިތުންގެ އެހެން ބޭނުންތަކަށް ހޭދަކުރެވޭނެ ކަމަށެވެ. އެގޮތުން އެކަމާ މެދު މަޖިލިސް މެންބަރުން ވިސްނާވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަރަދުތަކަށް ވިސްނާލާއިރު އަދި މި މަސައްކަަތަށް ބަލާއިރު ކައިރިކައިރީގައި ގިނަ އިންތިހާބުތަކެއް ބޭއްވުމަށްވުރެ އިންތިހާބުތައް އެއްކޮށް ބާއްވައިފިނަމަ ރައްޔިތުންގެ ފައިސާއިން ދައުލަތުން މި އިންތިހާބުތަކަށް ކުރަން ޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް، ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު ހަދާ ފަރާތްތަކުން މި ކަންކަމާ ދޭތެރޭ ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ. 
އިންތިހާބުތައް ކައިރިކައިރީގައި ބޭއްވުމަކީ ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ޝަކީލު ވިދާޅުވީ ގާނޫނުތަކާއި ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަންކަން ބަޔާންކޮށްފައިވާތީ އެކަން އެގޮތަށް މިހާރު ކުރަންޖެހޭ ކަމަށެވެ. 
"ގިނަ އިންތިހާބުތަކެއް ކައިރިކަރީގައި ގިނަ އިންތިހާބުތަކެއް ބޭއްވުމަކީ ތި ފާހަގަކުރެއްވި ގޮތަށް ދައުލަތަށް، ވަރަށް ހަރަދު ބޮޑު ކަމެއް. އެހެން ނަމަވެސް ގާނޫނުތަކާއި ގާނޫނުއަސާސީގައި ވަކި ގޮތަކަށް ވަކި ކަންތައްތަކެއް އެހެން ބަޔާންކޮށްފައި އޮންނަ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް މަޖުބޫރުވާނެ އެ ގާނޫނުތަކާއި ގާނޫނުއަސާސީ ތަންފީޒުކުރަން،" ޝަކީލު ވިދާޅުވި އެވެ. 
އިންތިހާބުތައް އެއްކޮށްލުމާމެދު މަޖިލިސް މެންބަރުން ވިސްނާވަޑައިގަތުމަށް ޝަކީލު ވިދާޅުވި ނަމަވެސް، ސަރުކާރުން އެދުނު ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅިގެން މިދިޔަ އެޕްރީލް މަހު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި 68 ޕަސަންޓު ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފަ އެވެ. 
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވީ މައްސަލައިގެ ވާނުވާ އޮޅުންނުފިލުވާ ތިބެ ރައްޔިތުން ވޯޓު ދިނުމުން ކަމަށް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި އެވެ. 
އިންތިހާބުތައް އެއްކޮށްލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި 216،539 މީހުން ވޯޓު ދިނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ 74.9 ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިން 148،859 މީހުން ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 68.7 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓަށްވުރެ ވެސް ގިނަ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ