ރައީސް މައުމޫން ހުންނެވީ ގޭގައި ބަންދުކޮށްފައި: މަހްލޫފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިވަގުތު ހުންނެވީ ގޭބަންދުކޮށްފައި ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ ގެ، މ. އެންދެރިމާގޭގައި ޑިއުޓީ ބަހައިގެން ސިފައިން ފޯރިމަރަން ފެށުމާ ގުޅިގެންނެވެ. ސިފައިން ގެންދަނީ އެންދެރިމާގެއަށް ވަންނަ މީހުން ބަލައި އެމީހުންގެ މައުލޫމާތުވެސް އޮޅުންފިލުއްވަމުންނެވެ. ނަމަވެސް މިމައްސަލާގައި ސިފައިން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މަހްލޫފް މިއަދު ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ގެއަށް ކުއްލި ގޮތަކަށް ސިޓީއެއް ފޮނުއްވާ އެ ގޭގެ ސެކިއުރިޓީ ސިފައިން ވަރުގަދަކުރިއިރު އެގޭގައި އުޅޭ މީހުންނަށް އެއްވެސް ކަމެއް ސާފުކޮށްދީ އޮޅުންފިލުވާ ދީފައި ނުވާ ކަމަށެވެ.
"ހަމަކުއްލިއަކަށް ސިޓީއެއް ފޮނުވާފައި މިބުނަނީ ރައީސް މައުމޫންގެ ސަލާމަތަށްޓަކައި ސިފައިން ގޭގެ ސެކިއުރިޓީ ހަވާލުވީއޭ. އެހެން ބުނިއިރު އެ ގޭގައި އުޅޭ މީހަކަށް ނޭނގޭ އެއްވެސް ކަމެއް ހިނގައިގެން އުޅޭކަން ވެސް. އެހެންވެ މިދަންނަވަނީ ރައީސް މައުމޫން މިހާރު އެހުންނެވީ ގޭބަންދުގައޭ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ ކަމަށް ބުނެ އެމަނިކުފާނު ގޭގައި ބަންދުކުރީ ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރަށްރަށުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާ ރައީސް މައުމޫން ބައްދަލުކުރައްވާ ކަން އެނގޭތީ އެކަން ހުއްޓުވަން ކަމަށެވެ. ނަމަވެސް މަހްލޫފް ވިދާޅުވީ ރައީސް މައުމޫނާ ބައްދަލުކުރަން ބޭނުންވާ ބޭފުޅުންނާ އެމަނިކުފާނާ ބައްދަލުކުރެވޭނެ ގޮތް ހަދާނެ ކަމަށާއި ރައީސް މައުުމޫނަށް ކަންކަން ކުރަންވީ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މަހްލޫފް ވިދާޅުވީ ރައީސް މައުމޫން ގޭބަންދުކުރި ސަބަބުތަކުގެ ތެރޭގައި ގުޅިފައިވާ ޕާޓީ ތަކުން ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ މަޝްވަރާތަކަށް ހުރަސް އެޅުންވެސް ހިމެނޭ ކަމަށެވެ. ޕާޓީތަކުގެ މެދުގައި ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރިއަށްދާ ކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ އެ މަޝްވަރާތަކުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވަން ބޭނުންވާނަމަ އެކަމަށް ހުރަސް އެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށއި އެއަށް ވުރެ ރަނގަޅަށް ޕާޓީ ތަކުން މަޝްވަރާގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ތިއްބެވި މަދު މަޖިލިސް މެންބަރުންނާއި ބައެއް އާންމުން ވެސް ރައީސް މައުމޫން ހައްޔަރުކުރަން ތާއީދުނުކުރާ ކަމަށެވެ. އެހެން ނޫން ނަމަ ރައީސް މައުމޫން ވެސް މިއަދު ހުންނަވާނީ ހައްޔަރުކޮށްފައި ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި ކުއްލި ގޮތަކަށް ރައީސް މައުމޫންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ މި ދުވަސްވަރަކީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ކެންޑިޑޭޓެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ދުވަސްވަރަކަށް ވުމުން އެމަނިކުފާނާއި ބައްދަލުކުރަން އެގެއަށް ޒިޔާރަތްކުރާ މީހުން ހުއްޓުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާ ކަމެއް ކަމަށެވެ.
ކުއްލި ގޮތަކަށް ރައީސް މައުމޫންގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ ރައީސް އަބްދުﷲ ޔާމީނަށް ރައީސް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދެވުމާއެކު އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށްފައިވާތާ އެތައް ދުވަހެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ