ހަތަރު ފަހަރަށް ރައްޔިތުން މަގުމައްޗަށް ނެރެން ސުޕްރީމް ކޯޓުން އުޅުނު – ރައީސް

ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެ އަދި އޭގެ ފަހުން ކަންތައްތަކެއް ކޮށް ހަތަރު ފަހަރެއްގެ މަތިން ރައްޔިތުން މަގުމައްޗަށް ނެރެން ސުޕްރީމް ކޯޓުން މަސައްކަތް ކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ފުރަތަމަ ރައްޔިތުން މަގުމައްޗަށް ނެރެން އުޅުނީ ސުޕްރީމް ކޯޓުން އަމުރު ނެރެގެން ކަމަށާއި އެއަށް ފަހު ދެން ވަގުތު ހޯއްދަވައިގެން ރައީސް މަގާމުން ދުރުކުރަން އުޅުނީ ވެސް ރައްޔިތުން މަގުމައްޗަށް ނެރެން ކަމަށެވެ.
"ރައީސް މަގާމުން ދުރުކުމުގެ މައްސަލަ ކާމިޔާބު ނުވުމުން ތިން ވަނަ ކަމަކަށް ކުރައްވަން އުޅުނު ކަމަކީ ބަންޑާރަނައިބު މަގާމުން ދުރުކުރުން. ހަތަރު ވަނަ ކަމަކަށް ކުރައްވަން އުޅުނު ކަމަކީ މަގާމުން ދުރުކުރި ކޮމިޝަނަރ އޮފް ޕޮލިސް އަލުން މަގާމަށް ގެންނަން މަސައްކަތް ކުރުން. މިހުރިހާ ކަމެއް ވެސް ކުރީ ރައްޔިތުން މަގުމައްޗަށް ނެރެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެދުވަހު ރައްޔިތުން މަގުމައްޗަށް ނެރުނު ނަމަ އެމަނިކުފާނު ސަޕޯޓަރުން ވެސް މަގުމައްޗަށް ނިކުމެ ލޭއޮހޮރުވުމެއް ވެސް ހިނގުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް އެކަން އެގޮތައް ހިނގައިގެން ނުދިޔައީ ސިފައިންނާއި ފުލުހުންގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ނިޒާމްގެ މައްސަލައެއް ނޫން. މިއީ އަޙްލާާޤީ މައްސަލައެއް. ކަންކަމާއި ހަވާލުވެގެން ތިބޭ ފަރާތްތަކުގެ މައްސަލައެއް މިއީ." ރައީސް ވިދާޅުވިއެވެ.
މަގުމަތިން ސަރުކާރު ވައްޓާލުމަށް މީހުން އެއްކޮށް އެކަމަށް ގޮވާލުމަކީ ވަތަނަށް ހަރާމްކޯރުވުންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ހ އަދި ނ އެކަނި ކިޔާލުމުންވެސް އެންމެ ބޮޑު އެންމެ މުހިއްމު ބާރެއް ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަން އެނގޭ ކަމަށާއި އަދި ކަމެއް ދަމެއް ބޮޑުވެ މައްސަލައެއް ހައްލު ނުކުރެވޭ ނަމަ އެކަން ހައްލުކުރުމުގެ އެންމެ މުހިއްމު މަސްއޫލިއްޔަތެއް ޤާނޫނު އަސާސީން މަތިކޮށްފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ