އައިއޯއައިޖީގައި ވާދަކޮށް މެޑަލް ހޯދާ އެތްލީޓުންނަށް ބޯނަސް ދެނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް
މެޑަލް ހޯދާ އެތްލީޓުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައިވާކަމަށް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ވާދަކުރާ އެތްލީޓުންނަށް އަލްވަދާއުކިޔުމަށް މިއަދު ރައީސް އޮފީހުގައި
އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ
ދިވެހި ކޮންޓިންޖެންޓްގެ އެތްލީޓުންނާއިމެދު ކުރެވޭ އުއްމީދުތައް ބޮޑު ކަމަށާއި،
ދިވެހިން ފަޚުރުވެރިވާފަދަ ވާދައެއް އެ އެތްލީޓުން ކުރާނެކަމަށް
އުއްމީދުކުރައްވާކަމަށެވެ. ސަބަބަކި ހުރިހާ ކުޅިވަރަކުންވެސް މި މުބާރާތަށް
ތައްޔާރުމަށް ރާއްޖެއިން ބޭރުގައި ގިނަ ތަމްރީންތަކެއް ހަދައި، ފުރިހަމައަށް
މުބާރާތަށް އެތްލީޓުންގެ ތައްޔާރުވެފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ. 
މިފަހަރުގެ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބުރަ މަސައްކަތްކޮށް ދިވެހިން އުފާކޮށްދޭ
އެތްލީޓުން ދިވެހި ސަރުކާރުން އުފާކޮށްދޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން މެޑަލް ހޯދާ ހުރިހާ އެތްލީޓުންނަށްވެސް ބޯނަސް ދިނުމަށް
ހަމަޖެހިފައިވާކަމަށާއި، އެއީ މިނިވަން ފަންސާހުގެ އުފާ ހުރިހާ ދިވެހިން ފާހަގަކުރަމުންދާއިރު،
އެތްލީޓުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށްވެސް ރައީސް
ޔާމީން ވިދާޅުވިއެވެ. ކުޅިވަރު ކުޅެނީ ރަންމެޑަލް ހޯދަން ކަމަށާ ހުރިހާ ކުޅިވަރަކުން ރަންމެޑަލްތަކެއް ނު ހޯދުނު ކަމުގައިވިޔަސް ގިނަ މެޑަލްތަކެއް ހޯދުމަށް އަޒުމް ކަނޑައެޅުމަށް ރައީސް ހުރިހާ އެތްލީޓުންނަށް ގޮވާލެއްވިއެވެ. 
"މެޑަލް ހޯދައި ދިވެހިން އުފާކޮށްދޭ ކޮންމެ އެތްލީޓެއް ދިވެހި ސަރުކާރުން އުފާކޮށްދޭނެ، މެޑަލް ހޯދާ އެތްލީތުންނަށް އިނާމެއްގެ ގޮތުން ބޯނަސް ދިނުމަށް މިހާރުވަނީ ނިންމާފައި" ރައީސް ޔާމިން ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތަށްފަހު ރައީސް އަބްދުﷲ ޔާމީންވަނީ ދިވެހި
ކޮންޓިންޖެންޓްގެ ހުރިހާ އެތްލީޓުންނާއި އޮފިޝަލުންނާއި ވަދާއި ސަލާމްކޮށް، ހުރިހާ
އެތްލީޓުންނަށް ކާމިޔާބަށް އެދިފައެވެ.
ރައީސް އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި ނައިބް ރައީސް އަހްމަދު އަދީބާއި ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ ވަޒީރުންވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ