އަންޗެލޮޓީ ބުނީ މޮރޮކޯއާ ދެކޮޅަށް ފެނުނީ ބްރެޒިލް ލެވަލްގެ ކުޅުމެއް ނޫން ކަމަށް

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 14) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މޮރޮކޯއާ 1-1 އިން އެއްވަރުވި މެޗުގައި ފެނިގެންދިޔައީ ބްރެޒިލްގެ ފަރާތުން އެ ޓީމުގެ ލެވަލްގެ ކުޅުމެއް ނޫން ކަމަށް ބްރެޒިލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ. 
މެޓްލައިފް ސްޓޭޑިއަމްގައި ރޭ އިސްމާއިލް ސައިބާރީގެ ލަނޑުން މޮރޮކޯ އިން ލީޑުނެގި މެޗުގައި، ފުރަތަމަ ހާފުގައި ވިނީޝިއުސް ޖޫނިއާ ވަނީ ބްރެޒިލަށް އެއްވަރުކޮށްދީފަ އެވެ. ޖުމްލަ ގޮތެއްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އިންޑިވިޖުއަލީ މޮރޮކޯގެ ބައެއް ކުޅުންތެރިން ބްރެޒިލްގެ ކުޅުންތެރިންނަށް ވުރެން ރަނގަޅަށް މަސައްކަތްކުރި އެވެ. 
"ޔަގީން ކަމެއް އަހަރެމެން ރަނގަޅަކަށް ނުއެއް ކުޅޭ. ވަރަށް މަދު ޗެލެންޖެއް ނެގިފައި ހުރީ. ވަރަށް ބެލެންސް ދަށްކޮށް ދިޔައީ ވެސް. ބޯޅަތައް ވެސް ގެއްލިފައި އެބަހުރި، އެ ކަންކަމަށް ބަލާއިރު އަހަރެމެން ވަރަށް ރަނގަޅު ކުރަން ޖެހޭ،" އަންޗެލޮޓީ ބުންޏެވެ. 
މޮރޮކޯ އިން ވަރަށް ރަނގަަޅަށް ފަހަތަށް ފައިބައިގެން ކުޅުމުން، ބްރެޒިލުން ބޭނުންވި ގޮތަށް ދެ ވަނަ ހާފުގައި ބަދަލުތައް ގެނެސްގެން ވެސް ނުކުޅެވުނުކަން އަންޗެލޮޓީ ވަނީ ފާހަގަކޮށްފަ އެވެ. އަދި، ކުރިއަށް ހުރި މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އަންނާނެ ކަމުގެ އިޝާރާތެއް އަންޗެލޮޓީ ވަނީ ދީފަ އެވެ. 
"މި ނަތީޖާއާ މެދު ދެރަވަނީއެއް ނޫން. އެކަމަކު މިއީ ހިތްހަމަޖެހޭނެ ވަރުގެ ނަތީޖާއެއް ވެސް ނޫން. އެއީ، ލެވަލް ރަނގަޅުވާން ޖެހޭ. ޔަގީންކޮށް ވިސްނަން ޖެހޭ ކަމަކީ، ފުރަތަމަ މެޗަކުން ވޯލްޑް ކަޕެއް ނުލިބޭނެ، ކަންކަން ޖެހޭނީ ރަނގަޅުކުރަން،" އަންޗެލޮޓީ ބުންޏެވެ. 
ބްރެޒިލުން ދެ ވަނަ މެޗުގައި ހުކުރު ދުވަހު ކުޅޭނީ ހައިޓީއާ އެވެ. ހައިޓީ ވަނީ ފުރަތަމަ މެޗުން ސްކޮޓްލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ. 
އަންޗެލޮޓީ ބުނީ، ހާލަތަށް ބަލައި، އެންމެ ރަނގަޅަށް ތިބި ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުސަތުތައް ދޭނެ ކަމަށެވެ. 
އަނިޔާ އަކުން ރިކަވާވުމަށް މަސައްކަތްކުރަމުން އަންނަ ބްރެޒިލްގެ ތަރި، ނޭމާ އަށް ރޭގެ މެޗެކޭ އެއްގޮތަށް ގްރޫޕް ސްޓޭޖުގެ އަނެއް ދެ މެޗު، ހައިޓީ އާއި ސްކޮޓްލެންޑާ ދެކޮޅަށް ވެސް ނުކުޅެވޭނެ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް އަންޗެލޮޓީ ސީދާ ޖަވާބެއް ދޭކަށެއް ބޭނުމެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ