މީގެ ހަތަރު އަހަރު ކުރިން ނ. އަތޮޅަށް ދަތުރުކުރަނިކޮށް ފަރަށް އަރައި އަޑިއަށް ދިޔަ "ލަންދޫ ބޯޓު 3" މަރާމާރަށް ފަހު ދަތުރަށް ތައްޔާރުވެއްޖެ އެވެ.
ބޯޓުގެ ކަންކަމާ ހަވާލުވެ ހުރި އިބްރާހިމް ސައުދުގެ އާއިލާގެ ދިރިއުޅުން އެ ބޯޓު އަޑިއަށް ދިޔަ ހާދިސާއާ އެކު ހުއްޓުމަކަށް އަ އެވެ. އާއިލާގެ މައިގަނޑު އާމްދަނީ 13 އަހަރަށް ވުރެ ގިނަ ދުވަހު ބިނާވެފައި އޮތް ބޯޓާ އެކު އެ އާއިލާ ގޮތް ހުސްވެ ފަށަން ޖެހުނީ ސުމަކުންނެވެ.
މުދަލާ އެކު އަޑިއަށް ދިޔަ ބޯޓު ކަނޑުން ނެގިއިރު އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސަލާމަތް ކުރެވުނީ ހަމައެކަނި ބޯޓުގެ ހަލްގަނޑުގެ އެއްބަ އެވެ. ނަމަވެސް ސައުދު އުންމީދު ކަނޑައެއް ނުލަ އެވެ. އޭނާ އަޒުމް ކަނޑައެޅީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް ބައްޕަގެ ބޯޓު އަލުން ކަނޑަށް ނެރޭށެވެ.
ބޯޓު އަލުން ބަނުމަށް ކުރި މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. އެ ހާދިސާއަށްފަހު އަތްމަތި ވަރަށް ބޮޑަށް ދަތިވެ، ސައުދު ޖެހުނީ ދެ އަހަރު ވަންދެން ރިސޯޓެއްގައި ވަޒީފާ އަދާކުރާށެވެ. އެއީ ބޯޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި ލޯނެއް ލިބޭނެ މަގު ފަހިކުރުމަށެވެ.
ލޯނު ހަމަޖެހުމާ އެކު މަސައްކަތް ފެށި ނަމަވެސް ބަޔަކަށް މުސާރަދީގެން މަސައްކަތް ކުރެވޭނެ ތަނަވަސްކަމެއް އެ އާއިލާގެ ނެތެވެ. ބޯޓުގެ 75 ޕަސެންޓު މަސައްކަތްކުރީ ސައުދުގެ ބައްޕަ އާއި ބައްޕަ ފަރާތު ބޭބެއެކެވެ.
މަސައްކަތަށް އިތުރަށް ފައިސާ ބޭނުންވުމުން، ސައުދު ގެންގުޅުނު ނުވަ ލައްކަ ރުފިޔާގެ ލޯންޗު ވެސް އެންމެ ދެ ލައްކަ ރުފިޔާއަށް ވިއްކާލަން އޭނާއަށް މަޖުބޫރުވި އެވެ.
"ބޯޓުގެ އަސްލު އަގަކީ 7.8 މިލިއަން ރުފިޔާ. އަލުން ބަނުމަށް 2.6 މިލިއަން ރުފިޔާގެ ލޯނެއް ނެގިން. ނަމަވެސް މަސައްކަތް ނިމުނުއިރު ޖުމްލަ ހަތަރު މިލިއަނެއްހާ ރުފިޔާ ހަރަދުވެއްޖެ. ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހި ލޯނު ނުދެއްކިގެން އިތުރަށް ހަތް ލައްކަ ރުފިޔާ އަރާފައި އެބައޮތް،" ސައުދު ކިޔައިދިނެވެ.
އާއިލާއަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމުގެ ސަބަބުން، މިދިޔަ ހަތަރު އަހަރު ގޭތެރޭގެ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހުނީ ހަމައެކަނި ސައުދުގެ މަންމަގެ ވަޒީފާއިން ލިބުނު އާމްދަނީންނެވެ. މުޅި އާއިލާ އެކުގައި ކުރި ބުރަ މަސައްކަތުން، މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ވަނީ ބޯޓުގެ ބަނުމުގެ ހުރިހާ މަސައްކަތެއް ނިންމާލާފަ އެވެ.
މާދަމާ މެންދުރުފަހު 2:00 ގައި "ލަންދޫ ބޯޓު" އަލުން އޭގެ ފުރަތަމަ ދަތުރަށް ފުރަން މިހާރު އޮތީ ތައްޔާރުވެފަ އެވެ. ސައުދު ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި އޭނާގެ ކާމިޔާބީއެއް ނޫނެވެ. މިއީ ގިނަ ބައެއްގެ އެހީތެރިކަމާއި ދިން އެއްބާރުލުމުގެ ނަތީޖާ އެވެ.
ހާއްސަކޮށް ފައިސާގެ ދަތިކަން ކުރިމަތިވި ކޮންމެ ދަނޑިވަޅެއްގައި ވެސް އޭނާގެ ދޮންތަ، އައިޝަތު ޝިފާ ވެދިން އެހީތެރިކަމާއި އަނބުރާ ދައްކާ ގޮތަށް ފައިސާގެ އެހީ ފޯރުކޮށްދިން މީހުންގެ އިތުރުން އެކި ގޮތްގޮތުން ހިތްވަރުދިން އެންމެހާ ފަރާތްތަކަށް ސައުދު ޝުކުރު އަދާކުރެ އެވެ.
"ލަންދޫ ބޯޓު" އަލުން ދަތުރު ފަށާއިރު، އެއީ ހަމައެކަނި އާ ބޯޓެއް ނޫނެވެ. އެއީ މާޔޫސްވުމެއް ނެތް އުންމީދަކާއި، ނުގުޑާ އަޒުމެއްގެ މިސާލެކެވެ.
އަޑިއަށްދިޔަ ލަންދޫ ބޯޓު ހަތަރު އަހަރު ފަހުން އަލުން ދަތުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ