ގާސިމް އިންޑިއާގެ ހައި ކޮމިޝަނަރާއި ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
ހައި ކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުން ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ އެވެ.
ހައި ކޮމިޝަނުން ނިކުމެ ވަޑައިގަތުމަށްފަހު ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ހައި ކޮމިޝަނަރާއި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލާފައިވާ މައްސަލައިގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖެ އަށް ހިލަޔާއި ހިލަވެލި ނުލިބޭ މައްސަލަ އާއި ވިސާ ހޯދަން ދަތިވާ މައްސަލައިގައި ވެސް މަޝްވަރާކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމު އިންޑިއާގެ ހައިކޮމިޝަނަރާއި ބައްދަލު ކުރެއްވި އިރު މިއަދު މެންދުރު ކެނެޑާގެ ހައިކޮމިޝަނަރާއި ބައްދަލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ގަބޫލު ނުކުރައްވާ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިރު، އިންޑިއާއާއި އެހެނިހެން ބައިނަލް އަގުވާމީ ފަރާތްތަކުން ވެސް ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ގާސިމް ޝަހާރޭއާ ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާސިމާ ބައްދަލުކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ