މުއްޝަރަފް ބޭސް ފަރުވާ އަށް ޤައުމުން ބޭރަށް ދިއުމުގެ ހުއްދަވެސް ކޯޓުން ނުދިން

ބޭސް ފަރުވާ އަށް ޤައުމުން ބޭރަށް ދިއުމަށް މުޝައްރަފްގެ ފަރާތުން އެދިފައިވާ އެދުމަށް ކޯޓުން ދެކޮޅު ހަދައިފިއެވެ.
ކޯޓުން މި ނިންމުން މިގޮތަށް ނިންމާފައިވަނީ ރާވަލްޕާންޑީ އާމްޑް ފޯސެސް އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީން ކޯޓަށް ހުށައެޅި މުޝައްރަފްގެ މެޑިކަލް ރިޕޯޓަކަށް ބެލުމަށްފަހުގައެވެ.ކޯޓުން ބުނެފައިވަނީ ގައުމުން ބޭރަށް މުޝައްރަފަށް ނުދެވޭ ގޮތަށް ހަދާފައި އޮތް އޮތުން ކޯޓަށް ބަދަލުނުކުރެވޭނެ ކަމަށާއި އެހެންކަމުން ބޭސްފަރުވާއަށް ގައުމުން ބޭރަށް ދިއުމަށް މުޝައްރަފްގެ ފަރާތުން އެދިފައިވާ ގޮތަށް ގައުމުން ބޭރަށް ދިޔުމުގެ ހުއްދަ ކޯޓަށް ދެވެން ނެތްކަމަށެވެ.
މުޝައްރަފް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމަކަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ވަޑައިގަންނެވުމުގެ މަގުމަތީގަ ކުރިމަތިވި ހިތުގެ އާލާސްކަންފުޅެއްގެ ސަބަބުންނެވެ.
މީގެއިތުރުން ޕާކިސްތާންގެ ކޯޓުން އިއްޔެ ވަނީ މުޝައްރަފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ދެން އޮންނަ ޝަރީއަތަށް އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. މުޝައްރަފްގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ.
މުޝައްރަފްގެ މައްޗަށް ކުރާ ދައުވާތަކަކީ 2007 ވަނަ އަހަރު ގާނޫނު އަސާސީ އަށް އަމަލުކުރުން ހުއްޓާލާ ކުއްލި ހާލަތު އިއުލާންކުރި މައްސަލައާ ގުޅިގެން ކުރެވޭ ދައުވާތަކެކެވެ.
މީގެ އިތުރުން ވެސް ތަފާތު ދައުވާތަކެއް އިސްލާމްއާބާދުގެ އެކިއެކި ކޯޓުތަކުގައި މުޝައްރަފާ ދެކޮޅަށް ކުރެވިފައިވާ އިރު، މިއީ ސިޔާސީ ދައުވާތަކެއް ކަމަށް މުޝައްރަފް ވަނީ ވިދާޅުވެފައެވެ.
މި ދައުވާތަށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ މަރުގެ ހުކުމް ނުވަތަ އުމުރުދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ