މަރާމާތަށް "ބަނޑޭރިޕޭ ޕޯޓަލް" ގެ ޚިދުމަތް މެދުކަނޑާލަނީ

ސަރުކާރުގެ ޕޭމަންޓް ޕޯޓަލް، ބަނޑޭރިޕޭ މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި، ކުރިއަށް އޮތް ހަފުތާ ބަންދުގައި އެ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލުމަށް ނިންމައިފިއެވެ. މިކަން އާންމުކޮށް އެންގުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި، ބަނޑޭރިޕޭ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަަމަށެވެ. އަދި މި ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު 3:00 އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަރާމާތަކީ ޕޯޓަލްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މަރާމާތެއް ކަމަށް މިނިްސޓްރީން ބުނެއެވެ. https://x.com/MoFmv/status/2080617773110276195?s=20 މި މަރާމާތުގެ މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ބަނޑޭރިޕޭއަކީ ފިނޭންސް މިނިސްޓްރީން ތައާރަފްކޮށްފައިވާ، ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ބަލައިގަންނަ ރަސްމީ ޕޯޓަލެކެވެ. މި ޕޯޓަލްގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ އެކި އޮފީސްތަކުން ދޭ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން ލުއިފަސޭހަކޮށް، އެއް ފުރާޅެއްގެ ދަށުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ޚިދުމަތް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުން ނަގާ ތަފާތު ފީތަކާއި ޖޫރިމަނާ ދެއްކުމުގެ އިތުރުން، ފައިސާ ދެއްކި ކަމުގެ ރަސީދު ވަގުތުން ހޯދުމާއި ޕޭމަންޓް ސްޓޭޓަސް ޗެކްކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. ފައިސާ ދެއްކުމުގައި ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ