ކްލޮޕްގެ އިންޒާރު ފުރަތަމަވެސް މީޑިއާއަށް!

ޖަރުމަނުވިލާތުގެ ޤައުމީ ޓީމުގެ ކޯޗުކަމާއި އަލަށް ހަވާލުވި ތަޖްރިބާކާރު ކޯޗު ޔަރގަން ކްލޮޕް ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި މީޑިއާއަށް ވަރުގަދަ އިންޒާރެއްދީފިއެވެ.
ކްލޮޕް ބުނީ އޭނާގެ އާއިލާގެ ޕްރައިވަސީއަށް މީޑިއާއިން އިހްތިރާމް ނުކޮށް އާއިލާއަށް އުނދަގޫކުރާނަމަ އޭނާ މަގާމުގައި ދެމި ނުހުންނާނެ ކަމަށެވެ. އުމުރުން 59 އަހަރުގެ ކްލޮޕް ބުނީ އެހެން ޤައުމުތަކުގައި މިއަށްވުރެ މާހާލުގައި ޤައުމީ ޓީމުގެ ކޯޗުން އުޅޭކަން އެނގޭ ކަމަށާއި އަދި މި ވަޒީފާ ދެކެ ކިތަންމެ ލޯބިވިޔަސް މަގާމާއި ދުރުވާން ޖެހޭ ހާލަތެއްގައި އެކަމަށް ފަސް ނުޖެހޭނެ ކަމަށެވެ.
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ކަމާއި ކްލޮޕް ހަވާލުވެފައިމިވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގެ ރައުންޑް އޮފް 32 ގައި ޕެރަގުއާއީ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް ޖަރުމަނުވިލާތް ބަލިވުމާއި ގުޅިގެން އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ޖޫލިއަން ނާގެލްސްމަން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
ނާގެލްސްމަން މަގާމުން އިސްތިއުފާ ދިނުމާއެކު އެމަގާމާއި ގުޅުވައިގެން ކްލޮޕްގެ ނަން އިވެމުން ދިޔަ ނަމަވެސް އޭނާ ރަސްމީކޮށް މަގާމާއި ހަވާލުވެފައިމިވަނީ މިއަދުއެވެ. އަދި މިއާއެކު 2030 ވަނަ އަހަރު ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައި ބާއްވާ ވޯލްޑް ކަޕަށް ޖަރުމަނު ޓީމު ކޮލިފައިކޮށްދިނުމުގެ މަސައްކަތް މިހާރުމިވަނީ ކްލޮޕްގެ ބޮލުގައި އެޅިފައެވެ.
ކްލޮޕް ބުނީ ޖަރުމަނު ޤައުމީ ޓީމަށްފަހު އޭނާގެ ކެރިއަރ ނިމުނީ ކަމަށާއި އޭނާ އިތުރަށް އެހެން ޓީމަކަށް ކޯޗުކޮށް ނުދޭނެކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު މަރުހަލާ ކަމަށާއި ޤައުމީ ޓީމަށް ކާމިޔާބީ ހޯދާދިނުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ނުރާނެކަމުގައިވެސް އޭނާ ބުންޏެވެ.
މިއީ 2024 ވަނަ އަހަރު ލިވަޕޫލްގެ ކޯޗު ކަމުން ވަކިވިފަހުން އޭނާ ޓީމެއްގެ ކޯޗުކަމާއި ހަވާލުވި ފުރަތަމަ ފަހަރެވެ. ކްލޮޕް ބުނީ އޭނާ އެނބުރި ކޯޗިންގެ ތެރެއަށް އައުމަށް މިއީ އެންމެ ރަނގަޅު ވަގުުތު ކަމަށާއި އަދި މިއީ ޤައުމީ ޓީމެއްގެ ކޯޗުކަމާއިވެސް ފުރަަތަމަ ފަހަރަށް ހަވާލުވާން އެންމެ ރަނގަޅު ވަގުތުކަން އޭނާ ފާހަގަ ކުރިއެވެ.
ކްލޮޕްގެ ކޯޗުކަމުގެ ދަށުން ޖަރުމަނުވިލާތުގެ ޓީމު ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ނެދަަލަންޑްސް އާއި ދެކޮޅަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ