ގަލްފުގައި ހުރި ސީއައިއޭގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ރަޝިޔާއިން އީރާނަށް އެހީތެރިވަނީތަ؟

މެނީލާގައި ބޭއްވި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ސަމިޓުގެ ހަވާސާގައި، ބުރާސްފަތި ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވްއާ ބައްދަލުކުރެއްވިއިރު، ރަސްމީ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައެވެ.
ނަމަވެސް، ރޫބިއޯ އާއި ލަވްރޯވްގެ ބައްދަލުވުން ބޭއްވީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި، އޮތް އެހީތެރިކަމަށް ރަޝިޔާއިން ފާޅުގައި އެއްބަސްވާ މިންވަރަށްވުރެ ބޮޑު ދައުރެއް އަދާކުރަމުންދާކަމަށް ބުނާ އާ ރިޕޯޓުތަކެއްގެ ހިޔަނި އެޅިފައިވަނިކޮށެވެ.
އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް ނިސްބަތްވާ ތަންތަނަށް އީރާނުން ހަމަލާތައް އަމާޒުކުރާ ކަމުގެ ރިޕޯޓުތައް ފުރަތަމަ ފެންމަތިވީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައިގެ ކުރީކޮޅުގައެވެ. ހަނގުރާމަ ފެށުނުތާ ތިން ދުވަސް ފަހުން، މާރިޗު 3 ގައި ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކުރި ގޮތުގައި، ރިޔާދުގައި ހުންނަ އެމެރިކާ އެމްބަސީގައި ހުރި ސީ.އައި.އޭ ސްޓޭޝަނަކަށް ހަމަލާ އަމާޒުވެފައިވެއެވެ. މާރިޗު 6 ގައި ސީ.އެން.އެން އިން އެމެރިކާގެ އިންޓެލިޖެންސް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި، ގަލްފުގައި ތިބި އެމެރިކާގެ ސިފައިންނާއި މަތިންދާބޯޓުތައް ހުރި ތަންތަން ދެނެގަތުމުގައި ރަޝިޔާއިން ދިޔައީ އީރާނަށް އެހީތެރިވަމުންނެވެ.
މިހާރު، އެންމެ ފަހުން ބުދަ ދުވަހު ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ސީއައިއޭގެ މަރުކަޒުތަކަށް، ހާއްސަކޮށް ސައުދީ އަރަބިއްޔާގައި ހުންނަ އެމްބަސީއަށް އީރާނުން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އޭގައި ރަޝިޔާގެ ބައިވެރިވުމެއް އޮތްތޯ އެމެރިކާގެ އިންޓެލިޖެންސުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ހަމަލާތަކުގެ ފުރިހަމަކަމާއި ސީދާ އަމާޒަށް ވާސިލުވުމުގެ ގާބިލުކަމަކީ ރަޝިޔާގެ އެހީތެރިކަން ލިބިފައިވާކަމުގެ ހެއްކަކަށް ވެދާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ހަނގުރާމަތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިޔާއާއި އީރާނުން ވަނީ އެ ގައުމުތަކުގެ އަސްކަރީ ގުޅުން ވަރުގަދަކޮށްފައެވެ.
ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ދެ ގައުމުގެ ގުޅުމަކީ އިއްތިހާދަކަށްވުރެ ބޮޑަށް ހުޅަނގާ ދެކޮޅަށް އުފެދިފައިވާ "މަސްލަހަތައްޓަކައި ކޮށްފައިވާ ކައިވެންޏެއް" ކަމަށް ވިޔަސް، ގްރަޖެވްސްކީ އެކަމާ އެއްބަހެއް ނުވެއެވެ.
"އެ ދެ ގައުމުންވެސް ދެކެނީ އެއީ ދުނިޔޭގެ މަސްރަހުގައި އެއްގޮތް ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވާ ދެ ގައުމު ކަމަށް. އަދި ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން، އަދި ހާއްސަކޮށް މި ފަހަކަށް އައިސް އެމީހުންގެ އެއްބާރުލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އޭނާ ވިދާޅުވިއެވެ. "އެމީހުން މިހާރު އެކަކު އަނެކަކަށް ބަރާސޯވާ މިންވަރު މާ ބޮޑު." އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ 2022 ގައި ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެން، އީރާނުން ރަޝިޔާއަށް މުހިންމު ހަތިޔާރުތަކެއް ފޯރުކޮށްދިނުމުން ދެ ފަރާތުގެ އަސްކަރީ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ. މީގެ ތެރޭގައި ހާއްސަކޮށް ޝަހީދު ޑްރޯން އާއި ފާތިހް-110 ބެލިސްޓިކް މިސައިލް ހިމެނެއެވެ. މިދިޔަ އަހަރު، ދެ ފަރާތުން ވަނީ 20 އަހަރުގެ މުއްދަތަށް ދެމިގެންދާ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕް" އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވެފައިވާ އިގުރާރެކެވެ.
ނަމަވެސް، ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެންޑްރޭ ރޫޑެންކޯ އެ ދުވަސްވަރު ސްޓޭޓް ޑޫމާގައި ވާހަކަދައްކަވަމުން، މި އެއްބަސްވުމަކީ އީރާނާއެކު "އަސްކަރީ އިއްތިހާދެއް އުފެއްދުން ނުވަތަ އެއްގައުމުން އަނެއްގައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން" ނޫން ކަމަށް ވިދާޅުވި ކަމަށް ދަ މޮސްކޯ ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.
މާރިޗު މަހުގެ ރިޕޯޓުތަކަށް ބަލާއިރު، ސައިޕްރަސްގައި ހުންނަ އިނގިރޭސި ރޯޔަލް އެއާ ފޯސް (އާރް.އޭ.އެފް) ބޭހަކަށް އީރާނުން ދޭން އުޅުނު ހަމަލާއަކަށްފަހު ފެނުނު ކުނިބުނީގެ ތެރެއިން، ވައްޓާލާފައިވާ ޝަހީދު-136 ޑްރޯނެއްގެ ތެރެއިން ރަޝިޔާގެ މި ސިސްޓަމް ވަނީ ފެނިފައެވެ.
އެހެންނަމަވެސް، ގްރަޖޭވްސްކީ ތަފްސީލުކޮށްދެއްވި ގޮތުގައި، އެމެރިކާ އާއި އީރާނާ ދެމެދު ހިނގާ ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް "ވަކި މިންވަރަކަށް" ފައިދާކުރެއެވެ. އެއީ ޔޫކްރެއިން ހަނގުރާމައަށް އޮތް ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލައި، އެމެރިކާގެ ދުނިޔޭގެ ބާރު ދަށްކޮށްލުމުގެ ފުރުސަތު އޮތުމުންނެވެ.
"އަދި ހަމަގައިމުވެސް އީރާނު ބަލިވެގެންދާ ތަން ދެކޭކަށް އެމީހުން ބޭނުމެއް ނުވޭ. އެހެންކަމުން، އެމެރިކާއާ ދެކޮޅަށް އީރާނުން އެކަނި ކުރިމަތިލާއިރުވެސް، އެ ގައުމުގެ ތާރީޚުގައި ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުން އަރައިގަނެވޭނެ ފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރަޝިޔާއިން އަބަދުވެސް ގެންގުޅޭ ވަރަށް ފަރުވާތެރި ސިޔާސަތެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.
ފަހަކަށް އައިސް، އެމެރިކާ އާއި އީރާނުން ވަނީ އެއްގައުމުން އަނެއް ގައުމަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް މެދުނުކެނޑި 13 ވަނަ ރެއަށް ކުރިއަށްދާއިރު، ބުރާސްފަތި ދުވަހުގެ ހެނދުނު އިރާގު ބޯޑަރު ކައިރީގައިވާ ޝަލަމްޗެހްއަށް ދިން ހަމަލާއެއްގައި މަދުވެގެން ދެ މީހުން ވަނީ މަރުވެފައެވެ. އީރާނުން ވަނީ ފާއިތުވި ދުވަސްތަކުގައި ގަލްފުގެ އެކި ގައުމުތަކަށާއި އުރުދުންއަށް ހަމަލާދީ ބަދަލުހިފާފައެވެ.
"ރަޝިޔާގެ ބައިވެރިވުމަކީ އީރާނަށް އޮތް އެންމެ މުހިންމު ބާރެއް ނޫން. އީރާނުގައި މިހާރުވެސް މި ގާބިލުކަން އެބަހުރި؛ އެމީހުން ވަނީ ފުޅާ ދާއިރާއެއްގައި ޑްރޯން ފޯސްއަކާއި މިސައިލް ފޯސްއެއް އުފައްދާފައި،" އޭނާ ވިދާޅުވިއެވެ. "ރަޝިޔާގެ އެހީގެ ސަބަބުން އީރާނަށް ލިބުނު ކުރިއެރުމަކީ އެ ގައުމުގެ ގާބިލުކަން އިތުރަށް ފުރިހަމަވެގެން ދިއުން." ގްރަޖޭވްސްކީ ވިދާޅުވިއެވެ.
ނޯޓް: މިއީ އަލްޖަޒީރާގެ ނޫސްވެރިޔާ އެޑްނާ މުހައްމަދު އަލްޖަޒީރާގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ދިވެހި ތަރުޖަމާއެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅޭ އެޑްނާ އަކީ ލައިވް ނިއުސް، އެކްސްޕްލެއިނާސް އަދި ފީޗާ ރިޕޯޓުތައް ލިޔާ ނޫސްވެރިއެކެވެ. އޭނާ ބޮޑަށް ސަމާލުކަން ދެނީ އާންމު ރައްޔިތުންގެ ހަރަކާތްތަކާއި، ހިޖުރަކުރުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކަށެވެ. އެޑްނާ މީގެ ކުރިން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ދަ ގާޑިއަން އަށް ލައިވް ނިއުސް ރިޕޯޓުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އައި.ޓީ.ވީ ގެ ކަރަންޓް އެފެއާޒް ޕްރޮގްރާމް "ޓުނައިޓް" ގައި މަސައްކަތްކޮށް، 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރުމާއެކު އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކުން ފުރަތަމަ ރޭލުތަކުގައި ފޭބި މީހުންގެ ވާހަކަ ހިމެނޭހެން ގިނަ ރިޕޯޓުތަކެއް ތައްޔާރުކޮށްފައެވެ. އެޑްނާ އަކީ 2024 ޑިސެމްބަރުގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ވެއްޓުނު ހާދިސާ ކަވަރުކޮށްގެން 2025 ވަނަ އަހަރު އެޑްވަަޑް އާރް މުރޯ އެވޯޑް ހޯދި އަލްޖަޒީރާ ޑޮޓް ކޮމްގެ ލައިވް ނިއުސް ޓީމުގެ މެންބަރެކެވެ. އަދި އަލްޖަޒީރާ ޑޮޓް ކޮމްގެ ޔޫރަޕް ޑެސްކުގެ މެންބަރެއްގެ ގޮތުގައި، 2024 ވަނަ އަހަރުގެ ރަޝިޔާގެ އިންތިޚާބާއި ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ފަދަ މުހިންމު ޚަބަރުތައްވެސް އޭނާ ވަނީ ރިޕޯޓްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ