ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ފެތުމުގެ އިވެންޓްތަކުން ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އަދި ލޫތު މުހައްމަދު ހުސެއިން ވެސް ގައުމީ ރެކޯޑު އާކޮށްފި އެވެ.
އާން މިއަދު ވާދަ ކުރީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގަ އެވެ. މި އިވެންޓްގެ ދެވަނަ ހީޓްގެ ހަތްވަނަ ލޭންގައި ފެތި އާން، ހީޓް ފުރިހަމަ ކުރީ 29.18 ސިކުންތުންނެވެ. މި ހީޓުން އޭނާ އަށް ލިބުނީ ފަސްވަނަ އެވެ.
މީގެ ކުރިން މި އިވެންޓްގެ ރެކޯޑް އާން އަތުގައި އޮތީ 2024 ގައި އޮތް 11 ވަނަ އޭޝިއަން އޭޖް ގުރޫޕް އެކުއޭޓިކްސް ޗެމްޕިއަންޝިޕްސްގައި 29.51 ސިކުންތުން ފަތައިގެންނެވެ.
ލޫތު ފެތީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ދެވަނަ ހީޓްގެ އެއްވަނަ ލޭންގަ އެވެ. އޭނާ ހީޓް ފުރިހަމަ ކުރީ 1:10.63 (އެއް މިނިޓް 10.63 ސިކުންތު) އިންނެވެ. މިހީޓް އޭނާ ނިންމީ ހަތްވަނައިގަ އެވެ.
މި އިވެންޓްގެ ރެކޯޑް ވެސް މީގެ ކުރިން އޮތީ ލޫތު އަތުގަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު އޮތް 10 ވަނަ ވޯލްޑް އެކުއޭޓިކްސް ޖޫނިއާ ޗެމްޕިއަންޝިޕްސްގައި 1:10.95 (އެއް މިނިޓް 10.95 ސިކުންތު) އިން ފަތައިފަ އެވެ.
ރާއްޖޭން މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރަނީ ފެތުމާއި ދުވުމުގެ އިވެންޓްތަކުގަ އެވެ. ގައުމީ ފެތުންތެރިންގެ ޓީމުގައި ތިން ފިރިހެން ފެތުންތެރިންނާއި ދެ އަންހެން ފެތުންތެރިން ހިމެނޭ އިރު، ދުވުންތެރިންގެ ތެރޭގައި ތިން ފިރިހެން އަދި ފަސް އަންހެން ދުވުންތެރިން ހިމެނެ އެވެ.
މާދަމާ ވެސް ފެތުމުގެ އިވެންޓްތައް ކުރިއަށް ދާނެ އެވެ. ދުވުމުގެ އިވެންޓްތައް ފެށުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ.
ކޮމަންވެލްތު ގޭމްސް 2026: އާން އާއި ލޫތު ވެސް ފުރަތަމަ ދުވަހު ގައުމީ ރެކޯޑް އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ