ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ: ރައީސް

ޒުވާނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ ކަމަށާއި، މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ރައީސް ވިދާޅުވީ، ގައުމު ބިނާކުރުމުގެ އެންމެ މުހިންމު ބައިވެރިންނަކީ ޒުވާނުން ކަމަށެވެ. އެހެންކަމުން، ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ނުދެކޭ މިންވަރަށް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރަމުންދާ ކަމަށެވެ. މި މަޝްރޫޢުތަކަކީ ހަމައެކަނި މާލެއަށް އަމާޒުކޮށްފައިވާ ކަންކަން ނޫން ކަމަށާއި، މުޅި ރާއްޖޭގައި މި ހިދުމަތްތައް ގާއިމުކުރެވި، 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދާއިރު މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމަށްޓަކައި ޕްރައިވެޓް ސެކްޓަރުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ވަނީ ރޭވުންތަކެއް ރާވާފައެވެ. އެގޮތުން ހާއްސަ ލޯން ސްކީމްތައް ތަޢާރަފުކުރުމާއި، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީ ނުވަތަ އުފެއްދުންތެރި އިގްތިސާދުގެ ދާއިރާއިން ހޯދާ އާމްދަނީއަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ދިވެހި ޒުވާނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރުން މިހާރުވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ކިޔަވައިގެން ނުކުންނަ ކުދިންނަކީ ހުނަރުވެރި، މަސައްކަތްތެރި ބަޔަކަށް ހަދައި، ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ މާޙައުލެއް ބިނާކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ