ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފާތުމަތު ރީނީ އަބުދުއްސައްތާރު އެމަގާމަށް އައްޔަން ކުރުން ސްޕްރީމު ކޯޓުން ހުއްޓުވައިފިއެވެ.
ރައީސް އޮފީހުންވަނީ ރީނީ އެމަގާމަށް އައްޔަންކޮށް ފަތްކޮޅު ދިނުމުގެ ރަސްމިއްޔާތު މިއަދު މެންދުރު 2:30 ގައި ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް ސްޕްރީމު ކޯޓުގެ އަމުރާއި ގުޅިގެން ރީނީއަށް ފަތްކޮޅު އަރުވާފައެއް ނުވެއެވެ. އެކަން ހުއްޓާލުމަށް ސްޕްރީމު ކޯޓުން އަމުރެއް ނެރެފައިވަނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ރީނީ ރައީސް އޮފީހަށް ވެސް ވަޑައިގެންނެވި ފަހުންނެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މީޑިއާ ސެކެރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ރީނީއަށް ފަތްކޮޅު އެރުވުން ހުއްޓާލާފައިވަނީ ސްޕްރީމު ކޯތުގެ އަމުރަކާއި ގުޅިގެން ކަމަށެވެ.
ސްޕްރީމު ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ފަހުމީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ކަނޑައަޅާފައިވާ އިރު، ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމު ހުސްވުމުގެ ކުރިން އެ ގައިޑްލައިންތަކާ ހިލާފަށް މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައި ހުވާލައި ދިނުމާއި އައްޔަން ކުރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށެވެ.
ފަހުމީގެ ބަދަލުގައި ރީނި އައްޔަން ކުރުން ހުއްޓުވުމަށް ސްޕްރީމު ކޯޓުން އަމުރެއް ނެރެފައިވާ އިރު، މަޖިލީހުން ފަހުމީގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަން ކުރުމަށް ނިންމުމާއި ގުޅިގެން ވެސް ސްޕްރީމު ކޯޓުން ބަޔާނެއް ނެރެފައިވެއެވެ. އެބަޔާނުގައި ބުނެފައިވަނީ ސްޕްރީމު ކޯޓުގެ ނިންމުންތައް އެންމެ ފުރިހަމައަށް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
ފަހުމީގެ ބަދަލުގައި ރީނީ އައްޔަން ކުރުން ސްޕްރީމު ކޯޓުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ