ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސިފައިންނަށް އަދި ފުލުހުންނަށް ވެސް އެއްވެސް ކަހަލަ ގެއްލުމެއް ދިނުމުގެ ފުރުސަތެއް އެއްވެސް ރަށެއްގެ ކައުންސިލަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ނުދޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް މައުލޫމާތު ހޯދުމަށް ގއ. އަދި ގދ. އަތޮޅަށް ޖުމްހޫރީ ޕާޓީން މިހާރު ކުރަމުން ގެންދާ ދަތުރުގައި ގދ.މަޑަވެލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި ސިޔާސީ ކޮންމެ ފިކުރަކަށް ނިސްބަތްވިޔަސް ރަށްރަށުގެ ކައުންސިލްތަކަށް އަދި އެނޫންވެސް ފަރާތަކަށް ފުލުހުންނާއި ސިފައިންނަށް ނިކަމެތިކަން ލިބޭގޮތަށް ކަންކަން ކުރުމު ގެއެއްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ފެބްރުއަރީ މަހުގެ ހަތެއްގައި ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ މުއައްސަސާތަކާއި ކޯޓުތަކުގައި ހުޅުޖަހާ އަންދާލަފައިވާ ކަމަށާއި އެދުވަހު ދިން ގެއްލުތަކާއި ގުޅިގެން ބައެއް ރަށްރަށުގައި ފުލުހުން ރައްޔިތުންނަށް ހިދުމަތް ދެމުންދަނީ ވަރަށްވެސް ދަތި ހާލުގައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ކުޅަދާނައެއް ނޫން. އަޅުގަނޑުމެންގެ ކައުންސިލަކަށް ވިޔަސް އެހެން ކައުންސިލަކަށް ވިޔަސް ކުޅަދާނައެއް ނޫން އެކަން ކުރާކަށް. އެއީ ގޯހެއް. އެކަން ނުކުރެވޭނެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ފުލުހުން ވެސް ތިއްބަވަނީ. ސިފައިން ވެސް ތިއްބަވަނީ. އަދި ކައުންސިލަރުން ވެސް ތިއްބަވަނީ. އަދި އެހެން ބޭފުޅުން ވެސް ތިއްބަވަނީ. އެހެންވީމާ އެގޮތަށް ދައުލަތުގެ މުއައްސަސާއެއް ޕީނަލައިޒް ނުކުރެވޭނެ،" ރޭގެ ޖަލްސާގައި ލީޑަރު ވިދާޅުވި އެވެ. "މިއަދު 10،000ރ. އަށް ކުއްޔަށް ހިފާފައި ހުރި ތަނުގައި ސުވާލުކުރެވޭ މީހާ ގެނެސް ބައިންދަން ވެސް ޖެހެނީ އެތަނުގައި. އެތަނުގެ ކުރިމަތީގައި ތަހުގީގު ވެސް ކުރަން ޖެހެނީ. މިވަރުގެ ކުޑަކުޑަ ކޮތަރު ކޮއްޓެއް ވަރުގެ ތަންކޮޅެއް. އެ ބޭފުޅުންގެ މަރުކަޒު ރޯކޮށްލީ 8 ފެބްރުއަރީ 2012 ގައި،"
ހަމައެހެންމެ ފެބްރުއަރީ އަށެއްގައި ހުޅުޖެހި ތަންތަނަށް ލިބުނު ގެއްލުން ފެނިވަޑައިގަތުމުން އެމަނިކުފާނު ގެ ލޮލުން ކަރުނަ އައި ކަމަށާއި، ބައެއްގެ ނުބައި ރޭވުމުގައި ޖެހި އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ރޭގެ ޖަލްސާގައި ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލީޑަރ ވިދާޅުވީ، މަޑަވެލި ކައިރީގައި އޮންނަ ހޯނޑެއްދޫގައި އެމަނިކުފާނުގެ ކުންފުނީގެ ފަރާތުން ހަދަން ފަށާފައިވާ މަސް ފެކްޓަރީ ތަރައްގީ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ފެބްރުއަރީ 8 ގައި އެ ފެކްޓަރީ ރޯކުރުމުން ބޮޑެތި ގެއްލުންތަކެއްވެ، ގދ. ގެ ތަރައްގީ އަށް ވެސް ބޮޑެތި ހުރަސް އެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހޯނޑެއްދޫ ކައިރީގައި އޮންނަ ފެންގަނޑާއި މަޑަވެލި ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ އެ ދެ ރަށުގެ ރައްޔިތުން އެއްބަސް ކިޔައިގެން ކަމަށް ލީޑަރ ވިދާޅުވި އެވެ.
ސަލާމަތީބާރުތަކަށް ގެއްލުން ދިނުމުގެ ފުރުސަތެއް އަޅުގަނޑު ނުދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ