ރައީސް ޔާމީންގެ ސިޓީފުޅެއް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް ރައީސް މައުމޫން އަރުވައިފި

ރައީސް ބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމުގެ ހާއްސަ ސިޓީފުޅެއް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހަންމަދަށް އަރުވައިފި އެވެ. މި ސިޓީފުޅު އެރުވީ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ބޮޑުވަޒީރު މަހާތިރާ މިއަދު ހެނދުނު ބައްދަލުކުރައްވަ އެވެ.
މި ސިޓީފުޅު އެރުވި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ހެޔޮއެދުންތައް މަހާތިރަށް ރައްދުކުރެއްވި އެވެ. އަދި، ރާއްޖެއާއި މެލޭޝިޔާ އާއި ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން ބަދަހިކުރަން މަހާތިރު ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް އެކި ދާއިރާތަކުގައި ތަރައްގީ ކުރަން ރާއްޖޭގެ މިހާރުގެ ސަރުކާރުން ވެސް ބޭނުންފުޅުވާކަން ރައީސް މައުމޫން ހާމަކުރެއްވިއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އިގްތިސޯދު ރަނގަޅު ކުރަން މިހާރުގެ ސަރުކާރުން އަދި ރައީސް ޔާމީން އިސްނަނަގްވައިގެން ކުރައްވާ މަސައްކަތްޕުޅުތަކުގެ ތަފުސީލު ރައީސް މައުމޫން، މަހާތިރަށް އެރުވިއެވެ. އަދި މި މަސައްކަތުގައި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އެއްބާރުލެއްވުން ރައީސް ޔާމީނުގެ ސަރުކާރަށް ބޭނުންފުޅުވާ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މަހާތިރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޔާމީނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުގައި ބަދަހިކުރެއްވުމަށް ރައީސް މައުމޫނުގެ ޒަޢާމަތުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ރައީސް މައުމޫނަށް ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ