ފޭދޫ ދާއިރާގެ މެމްބަރު އަލްހާން އަނެއްކާ ވެސް އެމްޑީޕީއާއި ގުޅިވަޑައިގެންފި

ފޭދޫ ދައިރާގެ މެމްބަރު އަލްހާން ފަހުމީ އަނެއްކާ ވެސް އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ. އަލްހާން އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ މިއަދުއެވެ. އަލްހާންވަނީ އެކަން ސީއެންއެމަށް ކަށަވަރު ވެސް ކޮށްދެއްވާފައެވެ.
ޑީއާރުޕީގައި ހުންނެވުމަށްފަހު އަލްހާން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވަނީ އޭރުގެ ފޮރިން މިނިސްޓަރު ޑރ.އަހުމަދު ޝަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ޕާޓީގެ ސްޓޭންޑާ ހިލާފުވި ކަމަށް ބުނެ އޭނާއާއި މެދު ފިޔަވަޅު އެޅުމުންނެވެ. އޭގެ ފަހުން އަލްހާންވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކޮށް އެޕާޓީގެ ނައިބު ރައީސްކަން ވެސް ހޯއްދަވާފައެވެ. އަލްހާން އެމްޑީޕީން ވަކިކޮށްފައިވަނީ އެޕާޓީގެ ނިންމުންތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށް ބުނެއެވެ. އޭގެ ފަހުން އޭނާ ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ.
އަލްހާން މިއަދު އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި އިރު އޭނާވަނީ ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން ވެސް އެމްޑީޕީއަށް ތާއިދު ކުރައްވާފައެވެ. އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އިރު އަލްހާން ހުންނެވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ