ގާޒާގެ ރައްޔިތުން ހިމާޔަތް ހޯދާ ސްކޫލަކަށް އިޒްރޭލުން ހަމަލާ ދީފި

ގާޒާ (30 ޖުލައި 2014) – ގާޒާގެ ރައްޔިތުން ހިމާޔަތް ހޯދަމުންދާ އދ ގެ ސްކޫލަކަށް އިޒްރޭލުން އަނެއްކާ ވެސް ހަމަލާދީފި އެވެ.
މި ހަމަލާ ދިން ކަމަށާއި އަދި މި ހަމަލާގައި 20 މީހުން ޝަހީދުވެފައިވާ ކަން ގާޒާގެ އިމަޖެންސީ ހިދުމަތްދޭ ފަރާތްތަކުން ބުނެ އެވެ. އަދި ހަމަލާދީފައި ވަނީ އދ އިން ޖަބަލިއާ ރެފިޔުޖީ ކޭމްޕްގައި ހިންގާ ސްކޫލެއްގައި ކަމަށާއި ހަމަލާދީފައި ވަނީ މިއަދު ރާއްޖެ ގަޑިން 7:30 ގައި ކަމަށް އިމަޖެންސީ ހިދުމަތްދޭ ފަރާތްތަކުގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވި އެވެ.
ހަމަލާތައް ދެމުންދާތާ 23 ދުވަސްވެފައިވާ އިރު، މިއަދު ގާޒާގެ 32 ރައްޔިތުން ވަނީ މަރާލާފަ އެވެ. އަދި ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު 1260 އަށް މިހާރު ވަނީ އަރާފަ އެވެ.
މި ހަމަލާދީފައި ވަނީ ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން އާއި ހަމާސް އާއި ގުޅިގެން 24 ގަޑި އިރަށް ހަމަލާތައް ހުއްޓާލުމަށް މަޝްވަރާ ކުރަމުންދަނިކޮށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އިއްޔެ ހަމާސްގެ އިސް ވެރިއެއް ކަމަށްވާ ޚާލިދް މިޝާލް އަށް ގުޅުއްވަވާ 24 ގަޑި އިރަށް ހަމަލާތައް ހުއްޓާލުމަށް މަޝްވަރާކުރައްވާފަ އެވެ. އަދި އައްބާސްގެ ހުށަހެޅުން ހަމާސް އިން ގަބޫލުކޮށްފައިވާ ކަން ފަލަސްތީނުގެ އޮފިޝަލެއް ކަމަށްވާ ނަބީލް ޝާތް ވަނީ އޭއެފްޕީ އަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ހަމަލާތައް ހުއްޓާލަން ފައްޓާނެ ވަކި ވަގުތެެއް ހަމާސް އަދި ފަލަސްތީން ސަރުކާރުން ވެސް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 1262 ރައްޔިތުން މަރާލާފައިވާއިރު ފަލަސްތީނުގެ 215000 ރައްޔިތުން ގާޒާ ދޫކޮށް ގޮސްްފައިވާ ކަމަށް އިންސާނީ އެހީދޭ ޖަމިއްޔާތަކުން ބުނެ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ