އަމިއްލަ މަސްލަހަތު ދޫކޮށް ގައުމުގައި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމްވާ ގޮތަށް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކޮށްދެއްވުމަށް ވިލާ ކޮލެޖުގެ ބާނީ ގާސިމް އިބްރާހީމް އިލްތިމާސްކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ވިލާ ކޮލެޖުގައި ބޭއްވުނު އެ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަދު ދަސްވެނިވީ މާސްޓާސް އޮފް ޝަރީއާއާއި، ބެޗްލަ އޮފް ޝަރީއާ އާއި އަދި ބެޗްލަ އޮފް އިއާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ޕްރޮގްރާމް ނިންމި ދަރިވަރުންނެވެ. މިއަދު ދަސްވެނިވި ދަރިވަރުންނަކީ ވިލާ ކޮލެޖުން އެހެން ޔުނިވަސިޓީއަކާއި ނުގުޅި އަމިއްލައަށް ތައްޔާރުކުރި މޮޑިއުލްތަކެއް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނެވެ. މިއަދުގެ މިރަސްމިއްޔާތުގައި 71 ދަރިވަރަކު ދަސްވެނިވެފައިވާއިރު، އެކުދިންގެ ތައުލީމީ ސެޓްފިކެޓަކީ ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ގަބޫލުކުރާ ސެޓްފިކެޓެއް ކަމުގައި ވިލާ ކޮލެޖުން ބުނެ އެވެ.
މިރަސްމިއްޔާތުގައި ގާސިމް އިބްރާހީމް ވިދާޅުވީ ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުންދާތީ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއަދު ދަސްވެނިވި ކުދިން ނަކީ އެކުދިންނަށް ތައުލީމީ ގޮތުން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާފައިވާ ދަރިވަރުން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަންމަ އާއި ބައްޕަ ވެސް އަޅުގަނޑަށް ކިޔަވައިދޭން ވަރަށް މަސައްކަތް ކުރި. އަދި ތައުލީމް ހޯދުމަށް އަޅުގަނޑު ވެސް ވަރަށް މަސައްކަތް ކުރިން. ނަމަވެސް އޭރުގެ ހާލަތު ހުރި ގޮތުން އަޅުގަނޑަށް އެ ފުރުސަތު މިހާރު މިއޮތް ގޮތަށް ނުލިބި ދިޔައީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ދިވެހި ކުދިންނަށް އެމީހުންގެ އާއިލާއާއި އަނބިދަރިން ކައިރީ ތިބެގެން އަދި ވަޒީފާ ވެސް އަދާކުރަމުން ކިޔެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ. މިއަދު އެކަން ހާސިލްވެ އެމަނިކުފާނު އަޅައިދިން ތައުލީމީ ބިންގަލުގައި ދަރިވަރުން ކިޔަވައިގެން ނިކުންނަ މަންޒަރު ފެނުމުން އުފަލުން ރޮވޭ ކަމުގައި ވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރަކަށްވާތީ މިއަދު ޝަރުއީ ދާއިރާ އިން ދަސްވެނިވި ދަރިވަރުންނަކީ އެކަމަށް ހައްލު ހޯދައިދީ ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ހުސްކަން ފިލުވައިދޭނެ ދަރިވަރުންތަކެއް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިއަދު ދަސްވެނިވި ދަރިވަރުން ނިކުންނަނީ އަދުލު އިންސާފު ބޭނުންވެފައި ތިބި މުޖުތަމައަކަށް ކަމަށްވާތީ ތިމާގެ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް އަދުލު އިންސާފު ގާއިމްވެގެންދާ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި މިދަރިވަރުން އުފުލަންޖެހޭ މަސްއޫލިއްޔަތަކީ ކުޑަ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެހެންކަމުން މިއަދު ދަސްވެނިވި ދަރިވަރުންނަކީ މުޖުތަމައު އިތުބާރުކުރާ ބަޔަކަށް ވާން ޖެހޭނެ ކަމުގައި ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ވިލާ ކޮލެޖުގައި 3،000 އެއްހާ ދަރިވަރުން ކިޔަވަމުންދާއިރު ވިލާ ކޮލެޖުގެ ކެމްޕަސްތައް އަތޮޅު ތެރޭގައި ހުޅުވި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ވާދަކުރުމަށްޓަކައި ވިލާ ކޮލެޖުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާގައި މިމަހުގެ 25 ވަނަ ދުވަހު ވިލާ ކޮލެޖުގެ ފުރަތަމަ ބައިނަލްއަގްވާމީ ކެމްޕަސް ހުޅުވި މިހާރު ހިދުމަތް ދެމުންގެންދާ ކަމުގައި ވެސް ވިދާޅުވި އެވެ.
"މީގެ ކުރީގައި ނާސަރީ ފެންވަރަށް ވެސް ކިޔެވޭނެ ފުރުސަތު ލިބިފައި ނެތް ރަށްރަށުގައި މިއަދު އެދަނީ މާސްޓާސް ފެންވަރަށް ކިޔެވޭނެ ގޮތް ހަމަޖެހެމުން. ތައުލީމް މިއަދު މިދަނީ އަތޮޅު ތެރެއަށް ފުޅާވަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމެއް ވިޔަސް ތަނެއް ވިޔަސް ކުރިއަރުވާ ތަރައްގީ ކުރަން ބަލާއިރު އިންސާނީ ވަސީލަތަކީ މުހިއްމު އެއްޗެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ އަބަދުވެސް ތައުލީމީ ގާބިލް މީހުން ބޭނުންކުރައްވައިގެން މަސައްކަތް ކުރަން ބޭނުންވާ މީހެއް ކަމަށާއި އެހެންކަމުން ގާބިލް މީހުން އުފެއްދުމަށާއި އެފަދަ މީހުން ހޯދުމަށް ކުރަންޖެހުނު އުދަގޫ މަސައްކަތް އަމިއްލަފުޅަށް ފާހަގަކުރެއްވުނު ކަމަށް ވިދާޅުވި އެވެ. އަދި މީހުން ބިނާ ކުރެއްވުމަށް އިސްކަން ދެއްވީ އެކަންކަން އިހްސާސް ކުރެވި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ފައިދާ އެނގިވަޑައިގަންނަވާތީ ކަމުގައި ވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް މިއަދު ވަނީ އެމަނިކުފާނުގެ ކުދިންނާ އާއިލާ އަށް އަދި ރަހްމަތްތެރިންނަށް ހާއްސަ އިލްތިމާސްވެސް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވާ މަސައްކަތަކީ ދިވެހި ކުދިންނަށް ތައުލީމީ ގިނަ ފުރުސަތުތަކެއް ހޯދައިދީ ގައުމަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތުގައި އެމަނިކުފާނު ކުރިއަށް ވަޑައިގަތުމަށް ވިސްނާވަޑައިގެންފައިވާތީ އެއްވެސް ފަރާތަކުން އެމަނިކުފާނުގެ އެމަސައްކަތަށް ބުރޫއަރާގޮތަށް އެއްވެސް ކަމެއް ނުކުރެއްވުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގާސިމް އިބްރާހީމް ވަނީ ވިލާ ކޮލެޖުގެ ޝަރީއާ ފެކަލްޓީ އުފައްދާ އެތަން ކުރިއަރުވާ ތަރައްގީ ކުރެއްވުމަށް އެ ފެކަލްޓީންގެ ކުރީގެ ޑީން އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެމަނިކުފާނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަދި ވިލާ ކޮލެޖަށް މިއަދު ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ހުންނެވީ ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހްމަދު އަންވަރާއި އެ ކޮލެޖުގެ އިސްވެރިންނާ ހީވާގި މުވައްޒަފުން ކަމުގައި ވެސް ވިދާޅުވި އެވެ. އެހެންކަމުން އެހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު ޝަރީއާ ޕްރޮގްރާމްގައި ކިޔަވައިދެއްވި ރާއްޖޭގެ އެ ދާއިރާގެ ތަޖުރިބާކާރު ލެކްޗަރައިންނަށް ވެސް ގާސިމް އިބްރާހީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ގާސިމް އިބްރާހީމްގެ ވާހަކަ ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ. އެގޮތުން ވިދާޅުވީ މިއަދު މިދެކޭ ވިލާ ކޮލެޖު ކުރިއަރާ ދިޔައީ ރައީސް ނަޝީދުގެ ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް ޕްރޮގްރާމްގެ ތެރެއިން ތައުލީމަށް އިންވެސްޓް ކުރުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ވިލާ ކޮލެޖު މިހާރު ހިންގަމުންދާ ބިން އެ ކޮލެޖަށް ލިބުމާއި ގުޅިގެން ކަމުގަ އެވެ. ގާސިމް އިބްރާހީމް ވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
އިސްކަންދޭންވީ އަދުލު އިންސާފު ގާއިމްވާ ގޮތަށް މަސައްކަތް ކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ