ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވި ކަމުގައިވިޔަސް އެމަނިކުފާނަށް ވެސް ރިޔާސީ ޓިކެޓު ތަބަކަށްލާފައި ނުދެވޭނެ ކަމަށް އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ރައީސް މައުމޫން ކުރިމަތިލެއްވި ކަމުގައިވިޔަސް އެމަނިކުފާނު ވެސް ރިޔާސީ ޕްރައިމަރީގައި ދެން ތިބި ބޭފުޅުންނާއި ވާދަކުރައްވާނެ ކަމަށާއި އެމަނިކުފާނު ކުރިމަތިލައްވައިފި ނަމަ ޓިކެޓު ރައީސް މައުމޫންއަށް ލިބިވަޑައިގަންނަވާނެ ކަމާއި މެދު ޝައްކުނުކުރައްވާ ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ މައުމޫން އަލުން ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާނެ ކަމަށާއި އަލުން ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ވެސް އަދި ނޫން ކަމަށް ވެސް މިހާތަނަށް މައުމޫން ވިދާޅުވެފައި ނެތް ކަމަށެވެ.
އަދި ރާއްޖޭގެ ސިޔާސީ މާހައުލު ބަދަލުވަމުންދާ ގޮތުން ރައީސް މައުމޫން ޕީޕީއެމްގެ ފަރާތުން ރައީސްކަމަށް ވާދަކުރުން އެއީ އެންމެ މުހިންމު ގޮތް ކަމަށް ވެސް ވެދާނެ ކަމަށާއި ބަދަލުވަމުންދާ ގޮތުން ރައީސް މައުމޫން ވާދަނުކުރެއްވުން އެއީ އެންމެ މޮޅު ގޮތް ކަމަށް ވެސް ވެދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އޭނާއަށް ކާމިޔާބުވެ، އޭގެ ފަހުން މައުމޫނަށް ރިޔާސީ ޓިކެޓު ދޭން ޖެހިވަޑައިގެންފިނަމަ އެކަން ވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށާއި އެކަން އެފަދަ ގޮތަކަށް ކުރުމުގެ ވާހަކަ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ނެތަސް އާންމު މެމްބަރުން ކައިރިން އަހައިގެން ގޮތެއް ނިންމިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސްކަމުގެ މަގާމުގައި ހުންނެވި މައުމޫން ޢަބްދުލްޤައްޔޫމް އެޕާޓީގެ ދާއިމީ ރައީސް ކަމުގެ މަޤާމަށް މިއަދު ކުރިމަތިލެއްވިއިރު މިކަމުގައި ޕީ.ޕީ.އެމްގެ އެންމެހާ މެންބަރުންގެ ފުރިހަމަ ތާޢީދަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ ދާއިމީ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމީ ޕާޓީ އުފެދިގެން އައީ ވެސް އިސް ސަފުގައި މަސައްކަތްކުރެއްވި ބޭފުޅުން އެމަނިކުފާނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށާއި ކުރިއަށް އޮތް ތާނގާގައި ވެސް ޕާޓީ ހަރުދަނާކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ “ދަ ހިންދޫ” އަށް އިންޓަވިއުއެއްގައި ރައީސް މައުމޫން މީގެކުރިން ވިދާޅުވީ ކަންތައް ބަދަލުވަމުން އަންނަ ގޮތަކުން، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށާއި ނަމަވެސް އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.
މައުމޫނަށް ވެސް ތަބަކަށްލާފައި ރިޔާސީ ޓިކެޓެއް ނުދެވޭނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ