މަޖުބޫރުން ނަމަވެސް ޖަލްސާއަށް ދިޔަ މެމްބަރުންނަށް މަރުހަބާ: މައުމޫން

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި "އަސްލު" ޖަލްސާއަށް މަޖުބޫރު ވެގެން ނަމަވެސް ދިޔަ މެމްބަރުންނަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުންގެ ހާޒިރީ ބެލުމަށް ހަދާފައިވާ ދެ ކާޑަކާއި 500 ރުފިޔާގެ ނޫޓެއް ހިފައިގެން ޒުވާން ތިން ފިރިހެނަކު ތިބި ފޮޓާއަކާއެކު މައުމޫން ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ، މަޖުބޫރުވެގެން ނަމަވެސް ޖަލްސާއަށް ދިޔަ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ސާބިތުވެ ތިބުމަށް ގޮވައިލައްވާ ކަމަށެވެ.
Majbooru vegen namaves jalsaa ah vadai gennevi PPM ge lobuvethi menbarunnah mar'habaa. Saabithuve thibbavaa! pic.twitter.com/zWL6TktaFl— Maumoon Abdul Gayoom (@maumoonagayoom) November 5, 2016
މައުމޫންގެ ޓްވީޓްމައުމޫން ކުރެއްވި އެހެން ޓްވީޓްތަކެއްގައި ވަނީ ޖަލްސާގައި ރައީސް ޔާމީނާއި އެހެން ބައެއް ބޭފުޅުން މައުމޫނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަށް ނުސީދާކޮށް ބަހުގެ ހަމަލައެއް ވެސް ދެއްވައިފަ އެވެ.
މައުމޫން ވިދާޅުވީ "އެކަކު ބުނީ ދައުވަތު ނުދޭނަމޭ" ކަމަށާއި "އަނެކަކު ބުނީ ވަޑައިނުގަތުމަކީ ޖަލްސާއަށް ލިބުނު ހާދަ ފަޅު ކަމެކޭ" ކަމަށެވެ.
"މިވަރު ކަމެއްގައި ވެސް ތެދު ނުބުނެވޭ ނަމަ ކޮން ކަމެއްގައި ބާ ތެދު ބުނެވޭނީ،" މައުމޫން ސުވާލު ކުރައްވާފައިވެ އެވެ.
ބެލެވޭ ގޮތުގައި މައުމޫން އެ އިޝާރާތް ކުރެއްވީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ސިވިލް ކޯޓުން ހަވާލުކުރި ފަހުން ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ފުރަތަމަ މި ޖަލްސާގައި، އެބޭފުޅުންނާ އަލުން ގުޅިވަޑައިގަތުމަށް ދެއްވި ދައުވަތަށެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރާއިރު، ހިޔަނި އެޅިގެން ދަނީ އެ ޕާޓީގެ ރައީސް އެކުގައި ނެތުމުން ކަމަށެވެ. އަދި މައުމޫން އަލުން އެބޭފުޅުންނާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން ތަކުރާރުކޮށް ގޮވާލެއްވި އެވެ.
މައުމޫން އަލުން ވަޑައިގަތުމަށް ދައުވަތު ދެއްވައި ރައީސް ޔާމީން ވިދާޅުވީ "ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ" ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އުސޫލްތަކުގެ ތެރެއިން ބޭބޭފުޅު ރައީސް މައުމޫނާ އެކު މަސައްކަތްޕުޅު ކުރައްވަން ތައްޔާރު ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މިވަގުތު ކަންތައްތައް ހުރިގޮތުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނަށް ދައުވަތު ނުދެއްވާނެ ކަމަށެވެ.
Ekaku bunee dhauwatheh nudheynamey. Anekaku bunee vadainugathumakee jalsaa ah libunu haadha bodu falhu kamekey. 1/2— Maumoon Abdul Gayoom (@maumoonagayoom) November 5, 2016
މައުމޫން ކުރެއްވި ޓްވީޓްMivaru kameh ga ves thedhu nubunevey nama kon kameh ga baa thedhu buneveynee?— Maumoon Abdul Gayoom (@maumoonagayoom) November 5, 2016
މައުމޫން ކުރެއްވި ޓްވީޓްޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިިދިޔަ މަހުގެ 27 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މައުމޫން މަސައްކަތްޕުޅު ކުރެއްވި އެވެ. ނަމަވެސް ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސްއެޅުމުން އެމަނިކުފާނު ވަނީ ޝީ ބިލޑިންގްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި އަމިއްލަފުޅު ޕާޓީގެ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައިފަ އެވެ.
"އަސްލު" ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން (މ) ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: މުހަންމަދު ޝަރުހާން/މިހާރު
މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރޭގެ ޖަލްސާއާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ "ހާދަ ރޫހެެއް، ފޯރިއެއް، ރޫހެއް ނެތޭ. އަސްލު ވެސް މަޖުބޫރުން" ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަންގެ ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ފެކްޝަނުން ބުނެ އެވެ. އޭގެ ތެރެއިން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ސީދާ ޖަލްސާއަށް މާލެ ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ