ދިވެހިން އަނިޔާވެރި މާޒީއަށް ދާކަށް ބޭނުންނުވޭ: ރައީސް މައުމޫން

މި ސަރުކާރު ޤާއިމުކުރުމުގެ ކުރިން އޮތީ ވަރަށް އަނިޔާވެރި އަދި އެހާމެ ބޮޑަށް ޚިޔާނަތާއި ކޮރަޕްޝަން އާންމުވެފައި އޮތް ދުވަސްވަރެއް ކަމުގައާއި، އެމަނިކުފާނުވެސް އަދި ދިވެހި ރައްޔިތުންވެސް އެ ދުވަސްތަކަށް އިއާދަވާން ބޭނުންނުވާ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް)އަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އޮންލައިންކޮށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މައުމޫން ވިދާޅުވީ މިހާރު މި އޮތް ސަރުކާރު ހިންގާ ކޯލިޝަނަކީ ވަރަށް މަތިވެރި އަދި އެހާމެ މުހިއްމު މަޤުޞަދުތަކަކަށްޓަކައި އެކުލަވައިލި ކޯލިޝަނެއް ކަމުގައެވެ. އަދި އެ ކޯލިޝަން ހީނަރުވާނެ ބަލިކަށިވާނެ ފަދަ ކަމެއް ނުކުރުމަށް އެ ކޯލިޝަނުގައި ހިިމެނޭ ހުރިހާ ޕާޓީތަކެއްގެ ކިބައިން ރައީސް މައުމޫން އެދިވަޑައިގެންނެވިއެވެ. "އަޅުގަނޑު އެދެނީ ކޯލިޝަންގެ ހުރިހާ ހިއްސާދާރުން ވެސް މި ކޯލިޝަން ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް. މި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ އެމްއާރްއެމް އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ. އެހެންވީމަ މި ޕާޓީތަކުން އަޅުގަނޑު އެދެނީ މި ކޯލިޝަން ވަރުގަދަ ކުރުމަށްޓަކައި މަަސައްކަތް ކޮށްދެއްވުން. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި މަސްލަހަތު ގެއްލޭ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުން." ރައީސް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ ކޯލިޝަނުގެ މަސްލަހަތު ގެއްލޭ ފަދަ ކަމެއް އެމްއާރުއެމްއިން ކޮށްފައިނުވާ ކަމުގައެވެ. އެހެންނަމަވެސް ބައެއް އެހެން ފަރާތްތަކުން ކަންކުރާ ގޮތުން އަދި ދައްކަވާ ވާހކަފުޅުގެ ސަބަބުން މަސްލަހަތު ގެއްލޭ ކަމުގައިވެސް ވިދާޅުވިއެވެ. ވަކި ފަރާތެއްގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް އެ އިޝާރާތްކުރެއްވީ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިހުގެ ބައެއް މެންބަރުންނަށް ކަމުގައި ބެލެވެއެވެ. އޭގެ އިތުރަށް ރައީސް މައުމޫން ފާހަގަކުރެއްވި ގޮތުގައި އެމްއާރުއެމްއަކީ މިހާރު މި އޮތް ސަރުކާރު ޤާއިމުކުރުމުގައި މުހިއްމު ހިއްސާދާރެކެވެ. އަދި ރައީސް ސޯލިހު މަޤާމަށް ގެނައުމަށް އެ ޕާޓީން ކުރި މަސައްކަތަކީ މުޅި ޤައުމު ހެކިވާނެ ކަމެއް ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއވެެ. "އެމްއާރްއެމް އަކީ މިހާރު އުފެދިފައި މިއޮތް ކޯލިޝަން ސަރުކާރުގެ މުހިންމު ހިއްސާދާރެއް. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމުގައި އަޅުގަނޑުމެން ކޮށްފައިވާ މަސައްކަތްތަކަށް މުޅި ގައުމު ހެކިވާނެ. އަޅުގަނޑުމެންނަކީ ސަރުކާރުގެ ވަރަށް މުހިންމު ހިއްސާދާރެއް. އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނީ އަޅުގަނޑުމެންގެ އަސާސްތަކުގެ ތެރޭގައި،" ރައީސް މައުމޫން ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ