ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް: ޙުތުބާ

ވަޒީފާތަކާއި، އެ ވަޒީފާތަކުގައި ހޭދަކުރަންޖެހޭ ވަގުތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
”އަމާނާތްތަކަށް ރައްކާތެރިވުން“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ވަނީ އަމާނާތުގެ މުހިންމު ކަމާއި އަމާނާތްވާންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
މިގޮތުން އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަނި ނޫންކަމާއި އަމާނާތުގައި އެއަށް ވުރެ މާ ތަނަވަސް ފުޅާ މާނައެއް އެކުލެވިފައިވާކަމަށް މިއަދުގެ ޙުތުބާގައިވަނީ ބުނެފައެވެ. އޭގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހާ ޙައްޤުތަކެއް ހިމެނޭކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
މިގޮތުން ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމާއި ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވުމާއި އަޅުގަނޑުމެންނަށް އިތުބާރުކޮށްފައި މީހުން ކިޔައިދޭ ވާހަކަތަކާއި, ދަރީން ހެޔޮގޮތުގައި ބެލުމާއި އަޅުގަނޑުމެންނަށް ދެއްވައިފައިވާ ގުނަވަންތަކަކީވެސް އަޅުގަނޑުމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމުގައި ޙުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.
އަމާނާތަކީ ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން މަހު ރޯދަހިފުމާއި، ޙައްޖުވުމާއި، ތެދު ބަސްބުނުމާއި، ދަރަނި އަދާކުރުމާއި، މިނެކިރުމުގައި ޢަދުލުވެރިވުން ކަމަށްވާއިރު، މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަމާނާތްތެރިވާން ޖެހޭ ކަމަކީ މީހުން ރައްކާކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗަށް ރައްކާތެރިވުން ކަމުގައި ޙުތުބާގައިވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން، الله سُبْحَانَهُ وَتَعَالَىއަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތްތަކަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަމުރުކުރެއްވި ފަދައިން އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރާށެވެ،“
އަމާނާތްތަކަށް ރައްކާތެރިވުމަކީ އަޅުގަނޑުމެންނާއި މުޅި މުޖުތަމަޢަށް އޭގެ އެންމެ ފުރިހަމަ މަންފާކުރަނިވި މަތިވެރި ސިފައެއްކަމަށާއި އެކަމުގެ ސަބަބުން މުޖުތަމަޢުގައި އަމާންކަމާއި ޞުލްޙަވެރިކަން ޢާންމުވެ، މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވާނެކަމަށް ޙުތުބާގައިވަނީ ބުނެފައެވެ.
އަމާނާތްތެރިވުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބެނެކަމަށާއި މިއާ ޚިލާފަށް، އަމާނާތްތެރިކަން ނެތިގޮސް ޚިޔާނާތްތެރިވުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކަރަޕްޝަން ފެތުރި، ޙައްޤުތައް ގެއްލޭނޭ ކަމެއްކަމުގައި ޙުތުބާގައިވަނީ ބުނެފައެވެ.
”ލޮބުވެތި އަޚުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށާއި، އަނބިދަރިންނަށާއި، އަދާކުރާ ވަޒީފާތަކަށާއި ރައްޔިތުންގެ މުދަލަށް ފުރިހަމައަށް އަމާނާތްތެރިވާށެވެ! ހަމައެފަދައިން، ވަށައިގެންވާ ޤުދުރަތީ ވެށްޓާއި ދިރޭތަކެއްޗަކީ ވެސް، އަންނާންއޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް މާތް الله އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ ބޮޑުވެގެންވާ އަމާނާތެއްކަން ހަނދާންކުރާށެވެ! ތިމާވެއްޓަށް ގެއްލުން ނުދީ، އިސްރާފުނުކޮށް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ވެސް އަމާނާތްތެރިކަމުގެ ތެރެއިންވާ ކަމެކެވެ. ޤިޔާމަތްދުވަހުން މި ހުރިހައި އަމާނާތްތަކާ މެދު ސުވާލުކުރެއްވޭނޭކަން ދަނެ، މާތް اللهއަށް ބިރުވެތިވެ އަމާނާތްތަކަށް ރައްކާތެރިވާށެވެ!“
އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، އަދި އެހާމެ ބުރަދަންހުރި އެއްޗެއްކަމަށާއި މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށް ވެގެންކަމަށް މިއަދުގެ ހުކުރު ޙުތުބާގައިވަނީ އަޅުގަނޑުމެންނަށް ހަނދާންކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ