ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ: މައުމޫނު

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ކޭސްތައް އިތުރުވަމުންދާތީ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރެމުން އަންނަ ދުވެލި ހަލުވި ވާން ފަށާފައިވާ ކަމަށާއި މިކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް ފަރުގަދަ ކުރަން މައުމޫން ގޮވާލެއްވި އެވެ.
ރައީސް މައުމޫނުވެސް މީގެ ކުރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދީފަ އެވެ. މައުމޫނު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލުކޮޅު ސީރިއަސްއެއް ނުވެ އެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް 108 މީހަކު ޕޮޒިޓިވްވިއިރު މިހާތަނަށް ރާއްޖެއިން ޖުމްލަ ކޮވިޑް ޖެހުނީ 14،993 މީހުންނަށެވެ. އޭގެ ތެރެއިން 51 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން ކޮވިޑްގައި ރާއްޖެއިން މީހަކު މަރުވީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ