ރާއްޖެ-ޗައިނާ ފްރޭ ޓްރޭޑް އެގްރީމަންޓު (އެފްޓީއޭ) ގެ ދަށުން ޗައިނާއަށް ބޭރުކުރި ދިވެހި ކަނޑުމަސް އެ ގައުމުގައި ދަޅުގައި ބަންދުކުރަން ފެށުމަކީ ކާމިޔާބީއެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފާހަގަކުރެއްވުމުން އިދިކޮޅުން ފާޑުކިޔައިފި އެވެ.
އިދިކޮޅުގެ ފާޑުކިޔުން އަމާޒުވީ ސޯޝަލް މީޑިއާ ޕޯސްޓުގައި ޝިޔާމް ވަނީ، ރާއްޖޭން ބާނާފައިވާ ކަނޑުމަހުގެ ފުރަތަމަ ސާމްޕަލް ބެޗުގެ އުފެއްދުންތައް ތައްޔާރުކުރި ކަމަށް ޓަކައި ވޭހައި ކިޔުޒީ ބްލޫސީ ފުޑްސް އަދި ޖިންވީޑާއޯ ބްރޭންޑް ޓީމަށް މަރުހަބާ ކިޔާފަ އެވެ.
ޗައިނާ ކުންފުނިން ދިވެހި މަސް ބަންދުކުރަން ފެށުމަކީ، ޝިޔާމް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އެފްޓީއޭގެ ދަށުން، ސުން ރޭޓުގައި ދިވެހި މަހުގެ އުފެއްދުންތައް ޗަައިނާއަށް އިމްޕޯޓުކުރުމުގެ ބޭނުން ހިފަން އެޅި މުހިންމު ފިޔަވަޅަކެވެ. އަދި މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ކޮލިޓީ ދިވެޔި މަހުގެ އުފެއްދުންތަކަށް އާ ބާޒާރުތައް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ބަޔެއް ކަމަށް އޭނާ ވިދާޅުވި އެވެ،
ނަމަވެސް، މިކަމަށް ފާޑުކިޔަމުން ކުރީ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، އިދިކޮޅު އެމްޑީޕީގެ ހުސެއިން އަމްރު އެކްސްގައި ވިދާޅުވީ ޗައިނާގެ ލޭބަލް ޖަހައިގެން ދަޅުގައި ބަންދުކުރަން އެފްޓީއޭގެ ދަށުން ރޯ މަސް ބޭރުކުރުވެމަކީ އުފާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
އަމްރު ވިދާޅުވީ ބޭރުގެ އޯޑަރެއް މިފްކޯއަށް ނުލިބި ހަމައެކަނި އެތެރޭގެ ބާޒާރަށް މިފްކޯއިން ދަޅު މަސް ސަޕްލައިކޮށްދޭން ޖެހިފައިވާ ކަމަށެވެ. އަދި މަސް ގަންނަ އަގު ދަށްކުރުމުން މަސްވެރިން ދަތި ހާލުގައި އުޅެން ޖެހި މިފްކޯގެ ފެކްޓްރީތައް ހިންގަން ޖެހިފައި ވަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޗައިނާއާ ހެދި އެފްޓީއޭއިން ބޭނުންވީ އަހަރުމެން މައްޗަށް ޖައްސަން، އެކަމަކު އަހަރަމެންގެ މަސްވެރި ސިނާއަތް މިދަނީ އިތުރަށް އަޑިއަށް ދަމުން. ވެލިއު އެޑު ކުރި އުފެއްދުމެއް އެކްސްޕޯޓުކުރުމެއް ނެތް، ސްޓްރެޓަޖީއެއް ނެތް، ތަސައްވުރެއް ނެތް، އުއްމީދެއް ނެތް." އަމްރު ލިޔުއްވި އެވެ.
އަމްރު ވަނީ އޭނާގެ ޕޯސްޓު ނިންމަވާލައްވަމުން ވެލިއު އެޑުކުރި އުފެއްދުންތައް ބޭރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނޫނީ މިއީ އަހަރަމެންނަށް ލިބޭ ގެެއްލުމެއް، އަދި އެހެެން ބަޔަކަށް ލިބޭ ފައިދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ފަދައިން ކުރީގެ ހޯމް މިނިސްޓަރު އަދި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު ވެސް މިިކަމާ ގުޅުވާ އެކްސްގައި ގޮވާލެއްވީ ރާއްޖޭގައި ބަންދުކުރާ ވެލިއު އެޑު ކުރި އުފެއްދުންތައް ބޭރުކުރުން އިތުރުކުރުމަށެވެ. މިކަން ނުވެ، ތާއަބަދަށް ރާއްޖޭން ރޯ މަސް ބޭރުކުރުމުން ގެންދާ ނަމަ ދެމިއޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވަނީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި، އިންޑޮނޭޝިއާއިން އެ ގައުމުން ނަގާ މައުދަނުތައް ބޭރުކުރުން މަނާކުރުމާއި އޭގެ ރަނގަޅު ނަތީޖާއިން ފިލާވަޅު ލިބިގަންނަން ވެސް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ދިވެހި ރޯ މަސް ބޭރުކޮށްގެން ޗައިނާގައި ދަޅުގައި ބަންދުކުރާ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރާއިރު، މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކަކީ ރާއްޖޭގައި ވެލިއު އެޑް ކުރުމެވެ. ސަރުކާރުން ބުނަނީ މަސްވެރިންނަށް ވެފައިވާ މަސް ގަންނަ އަގު ބޮޑު ކުރުން ވެސް ވާނީ މިކަން ކުރެވުނު ދުވަހަކުން ކަމަށެވެ.
އެކަމަކު އެ ސިޔާސަތު ތަންފީޒުކުރަން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގައި ސަރުކާރަށް އެދެވޭ ނަތީޖާއެއް ހާސިލެއް ނުކުރެވެ އެވެ. މިކަމުގެ ދަށުން ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ ފެލިވަރުގައި ހުންނަ މިފްކޯގެ ކާރުހާނާ އަޕްގްރޭޑު ކުރުމެވެ.
ފެލިވަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއަކީ، ކުރީ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ހަމަޖައްސައި، ބަޔަކާ ހަވާލުކޮށްފައި އޮތް މަސައްކަތެކެވެ. އެކަމަކު އަދި ވެސް މި މަޝްރޫއު ނިމި އެ ކާރުހަނާ ބޭނުންކުރެވޭނެ ސީދާ ތާރީހެއް ނޭނގެ އެވެ.
ދިވެހި ކަނޑު މަސް ޗައިނާގައި ބަންދުކުރުން މިނިސްޓަރަށް މޮޅު ކަމަކަށް ވުމުން އަމްރު އާއި އުމަރު ފާޑުކިޔައިފި ދިވެހި ކަނޑު މަސް ޗައިނާގައި ބަންދުކުރުން މިނިސްޓަރަށް މޮޅު ކަމަކަށް ވުމުން އަމްރު އާއި އުމަރު ފާޑުކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ