ނަފްސާނީ ބަލިމީހުންގެ ބޭހުގެ ސަޕްލައިއަށް ދަތިކަމެއް ނެތް: މިނިސްޓަރ

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭހުގެ ސަޕްލައިއަށް މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކަކީ އާންމު ބޭސްތަކާ ހިލާފަށް ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން ލިބެންޖެހޭ ބޭސްތަކެއް ކަމަށެވެ. މީގެ އިތުރުން، މި ބޭސްތަކުގެ ތެރެއިން ބައެއް ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމުގައި ވަކި ކޯޓާއެއް ކަނޑައެޅިފައިވާ ބޭސްތަކެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ކޯޓާ ސިސްޓަމެއް އޮތް ނަމަވެސް، ބަލިމީހުންނަށް ބޭނުންވާ މިންވަރަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ސަރުކާރުން ގަވާއިދުން ކުރަމުންދާ ކަމަށާއި، ބޭސް އެތެރެކުރާ ކުންފުނިތަކާ ގުޅިގެން ސަޕްލައި ޗޭން މެނޭޖުކުރުމުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ބޭހުގެ ސްޓޮކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ބަލިމީހުންނަށާއި، ފަރުވާ ދިނުމަށްފަހު އާއިލާތަކާ ހަވާލުކުރެވިފައިވާ ބަލިމީހުންނަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް ވެސް ގީލާ ވިދާޅުވިއެވެ. ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގުރައިދޫ މަރުކަޒުގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ 183 މީހުން މިވަގުތު ވެސް އެބަތިއްބެވެ. މީގެ ތެރެއިން ހާލަތު ރަނގަޅުވެފައިވާ މީހުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހުންނަށް ބޭނުންވާ ބޭސް ގަވާއިދުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ