ޖުލައިގެ ގްރާންޓާއެކު ހިރިމަރަދޫގެ ޚަރަދުތައް ހަނިމާދޫ ކައުންސިލަށް

ހދ. ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާ ގްރާންޓު ހިމަނައިގެން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވަނީ ހިރިމަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ނިންމާފައެވެ. އަދި އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލާއެކު، އެ ރަށުގެ ރައްޔިތުން އިދާރިގޮތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. މިފަހަރުގެ އިންތިޚާބުގައި އެރަށުގެ ރައްޔިތުން ވޯޓު ދީފައިވަނީވެސް، ހަނިމާދޫގެ ކައުންސިލް އިންތިޚާބުކުރުމަށެވެ.
ހަނިމާދޫ ކައުންސިލުން އިއްޔެ ވިދާޅުވީ، ހިރިމަރަދޫގެ ކަންކަން ހަމަޖެއްސުމަށް ހަނިމާދޫ ކައުންސިލަށް ސަރުކާރުން ބަޖެޓު ނުދޭ ކަމަށާއި މިމަހު އެ ރަށުގެ ޚަރަދުތައް ބަލަހައްޓާފައިވަނީ މިއަހަރު ހަނިމާދުއަށް ލިބުނު ގްރާންޓްގެ ތެރެއިންކަމަށެވެ. ހިރިމަރަދޫއަކީ ހަނިމާދޫގެ އަވަށު އޮފީހެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. ނަމަވެސް އިތުރުވި އާބާދީއަށް ބަޖެޓު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކުރި ޚަރަދުގެ ތަފްސީލް ހަނިމާދޫ ކައުންސިލުން ނެރެފައިވެއެވެ. މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދު ހިމޭނޭހެން 267،780.43 ރުފިޔާ ޖޫން މަހު ހޭދަކުރިކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީން ވިދާޅުވީ، މިއަހަރަށް ބަޖެޓު ހަދާފައިވަނީ އިދާރީ ވަކި ދެ ރަށެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ ނިންމުމާގުޅިގެން، އިދާރީ މުހިންމު ކަންތައްތަކެއް ހަމަޖައްސަންޖެހޭނެކަމަށާއި އެކަންކަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހަމަޖައްސަމުންދާކަމަށް ހަނިމާދޫ ކައުންސިލަށް އަންގާފައިވާނެކަމަށެވެ. އަދި ގްރާންޓްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އަންގާފަވާނެކަމަށެވެ.
ޖުލައި މަހުގެ ގްރާންޓް ހަނިމާދުއަށް ޖަމާވާނީ ހިރިމަރަދޫގެ ރައްޔިތުންގެ ޚަރަދުތައް ހިމެނޭގޮތަށްކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ. މީގެއިތުރުން، އެ ކައުންސިލުން މިމަހު ހިރިމަރަދުއަށް ކުރި ޚަރަދުވެސް ހިމެނޭހެން ޖަމާކުރާނެކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ ރައްޔިތުންގެ އެދުމުގެމަތިންނެވެ. ހިރިމަރަދޫގެ ރައްޔިތުން 18 މަސް ދުވަހުގެތެރޭގައި ހަނިމާދުއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. 500އަށް ވުރެ ބޮޑު އާބާދީއެއް ރަޖިސްޓްރީކޮށްފައިވާ ހިރިމަރަދޫގައި ދިރިއުޅެނީ 200އެއްހާ މީހުންނެވެ. ހިޖުރަކުރާ ހިރިމަރަދޫގެ ރައްޔިތުންނަށް 100 ރޯހައުސް ހަނިމާދޫގައި ތަރައްޤީކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ