ދިވެހި ފުލުހުންނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް

ތަންފީޒީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްގެ ދަށުން ހިންގާ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްއާއެކުގައެވެ. ތަންފީޒީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަހުމުނާމާއެއްގައި ސޮއިކުރުން.. ފޮޓޯ/ ފުލުހުން މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓާޗޭ އާލް މަޓިއަ އެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ. https://x.com/PoliceMv/status/2069342756619862472?s=20 މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމާއި، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ދެ ފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ފަހުމުނާމާގެ ދަށުން ގުޅުންހުރި ދާއިރާތަކުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، އޮޕަރޭޝަނަލް ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށާއި ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ އެކި ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ