އެމްއެމްޕީއާރްސީ ފައިސާ ހޯދުމުގެ ކުރިން އެމްޑީޕީ ވެރިކަމުގައި ގެއްލުން ފައިސާ ހޯދައިދީ - ރައީސް

އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާ އިދިކޮޅުގެ ވެރިކަމެއްގައި ހޯދޭނެތޯ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.
ތ. ގުރައިދޫ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާ އިބްރާހީމް މުޙައްމަދު ޞޯލިހް ވިދާޅުވެފައިވާތީ އެކަމަށް ފުރިހަމަ ރައްދެއް ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ބޭފުޅެއް ވެރިކަމުގައި ހުންނެވި ކަމުގައި ވިއަސް ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެއިރެއްގައި ހުންނަ ވެރިއަކު ކުރުން ލާޒިމް ކަމެއް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ދަޢުލަތުން ގެއްލުނު ފައިސާ ހޯދަންޖެހޭނެ ކަމަށެވެ.
"ފުރަތަމަ މި ފައިސާ ހޯއްދަވައި ދެއްވާ ދެވަނައަށް އެފްޕީއައިޑީން ގެއްލުނު ފައިސާ ހޯއްދަވައި ދެއްވާ. އަދި އެ ފައިސާ ހޯދަން އަޅުގަނޑު މި ދަންނަވަނީ އެބޭފުޅުންނަށް ކެރިވަޑައެއް ނުގަންނަވާނެ. ނާގާބިލުވާނެ އެކަންކަން ކުރައްވަން. އެއީ އެކަންކަމާ ގުޅިފައި ތިބި މީހުން އެމްޑީޕީގެ އިސް ސަފުގައި ތިބީމަ. މިއަދުވެސް އެބޭފުޅުންގެ ހަރަކާތްތަކުގައި އެބޭބޭފުޅުންގެ ފައިސާ ލިބެމުން ދާތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން އިބްރާހީމް މުޙައްމަދު ސޯލިޙް ތަހްޤީގުތަކެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ. އޭސީސީން އެމްއެމްޕީއާރްސީގެ ތަހްގީގު ކުރިއަށް ގެންގޮސް ތަހްޤީގު ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ލިބުނީ ކޮން ބަޔަކަށްކަން ވަރަށް ރަނގަޅަށް އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަޢުލަތުގެ މާލިއްޔާއިން އެ ފައިސާ ގެއްލުނު ގޮތް ދިވެހި ރައްޔިތުންނަށްވެސް އިނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެކަމަކުވެސް އުފެދޭ ސުވާލަކީ މިވާހަކަ ދައްކާއިރުވެސް މި ފައިސާ ހޯދަން އެބޭފުޅުން މަސައްކަތް ކުރަންޖެހޭ. އެއީ އަޅުގަނޑުމެން މަސައްކަތް ކޮށްފިން، އަޅުގަނޑުމެންނަށް އިނގޭ މި ފައިސާ ގެއްލިފައިވާކަން އެކަމަކު މި ފައިސާ ހުރިތަން އަޅުގަނޑުމެންނަށް ނޭނގެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމްޑީޕީ ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވަނީ ތަފްސީލީ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް ކިޔައިދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ