"ފަރަހިކި ޗެލެންޖު 2018"ގެ ނަމުގައި ލ. އަތޮޅުގައި ބޮޑު ސާފިން މުބާރާތެއް ބާއްވަނީ
"ފަރަހިކި ޗެލެންޖް 2018"ގެ ނަމުގައި ލ. އަތޮޅުގައި ބޮޑު ރާޅާ އެޅުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. އެމްއޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމު ކުރާ އެ މުބާރާތް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަަށެވެ. އެ މުބާރާތުގެ މައިގަނޑު ބޭސް އަކަށް ވާނީ ލ. ގަމުގައި ހުންނަ "އެމްއޯ ހޮޓެލް ލާމު" އެވެ. އެހެން ނަމަވެސް އެ މުބާރާތް ކުރިއަށް ދާނީ ލ. މާބައިދޫގެ ރާޅުގަނޑުގަ އެވެ. މާބައިދޫގެ ރާޅުގަނޑަކީ ރާއްޖޭގައި ހުންނަ، އެންމެ ބޮޑު ރާޅު ޖަހާ އެއް ސާފް ސްޕޮޓެވެ. މިހާރު ވެސް އެ ތަނުގައި ރާޅާ އަޅަން އެހެން ރަށްތުން މީހުން ދެ އެވެ. އެހެން ނަމަވެސް އެތަނުގައި އަދި ބޮޑު މުބާރާތެއް ބާއްވާފައި ނުވެ އެވެ. "ފަރަހިކި ޗެލެންޖް 2018"ގައި ރާއްޖޭގެ އެންމެ ހުނަރުވެރި ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމަށް އެމްއޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފަ އެވެ. އެ މުބާރާތުގައި ޖުމްލަ 46 ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. އެ ކުންފުނިން ބުނީ "ފަރަހިކި ޗެލެންޖް 2018" އަކީ ރާއްޖޭގައި ބާއްވާ އިޖުތިމާއީ ޒިންމާގެ އެންމެ ބޮޑު އެއް އިވެންޓަށް ވެގެންދާނެ ކަމަށެވެ. އަދި އެހެން ބޮޑެތި މުބާރާތްތައް މާލެ ސަރަހައްދުގައި ބޭއްވި ނަމަވެސް ލ. އަތޮޅުގައި އެ މުބާރާތް ބާއްވަން ނިންމީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެފަދަ ފުރުސަތުތައް ފަހި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ. "ފަރަހިކި ޗެލެންޖް 2018"ގެ ސްޕޮންސަރުންނަކީ މޯލްޑިވިއަން، ދިރާގު، އޭޑީކޭ ޖެނެރަލް ޓްރޭޑިން، ސީ ސްޕޯޓްސް އަދި ލިކުއިޑް ޑެސްޓިނޭޝަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ