މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ: މެޓް އޮފީސް

ކުރިއަށް އޮތް 24 ގަޑިއުރުގެތެރޭގައި ރާއްޖޭގެ މޫސުން ފާއިތުވި 24 ގަޑިއިރަށް ވުރެ ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް ( އެމްއެމްއެސް) އިން ބުނެފިއެވެ.
އެ އިދާރާ އިން މިއަދު ބުނީ އިއްޔެ ހެނދުނު 8.00 އިން ފެށިގެން މިއަދު ހެނދުނު 8.00 އާ ހަމައަށް ކުރި ވިއްސާރައިގައި އެންމެ ބާރަށް ވައިޖެހިފައި ވަނީ ސ. ގަމަށް ކަމަށެވެ. އެގޮތުން ގަޑިއަކު 47 މޭލުގެ ބާރުމިނުގައި ގަމަށް ވައި ޖެހުނު ކަމަށް ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި އަންނަ ވިލާގަނޑުތަކުގައި އެއަށް ވުރެ ވައި ބާރުވާނެ ކަމަށް އެއިދާ އިން ލަފާކުރެއެވެ. އެގޮތުން ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް އެމްއެމްއެސް އިން ބުންޏެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރި އިރު މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައި ވެއެވެ. އެގޮތުން އިއްޔެ ހެނދުނު 8.00 އިން ފެށިގެން މިއަދު ހެނދު 8.00 އާ ހަމައަށް މާލެއަށް 98 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައިވާ ސ. ގަމަށް 39 މިލިމީޓަރުގެ ވާރޭ ވެހުނު އިރު ގދ. ކާޑެއްދުއަށް 34 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ.
ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެމްއެސްއިން އިލްތިމާސް ކުރެ އެވެ.
އިއްޔެއާއި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހުނުކަމުގައި ވިޔަސް ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ބޮޑު ބަޔަކަށް މިއަހަރުގެ ހުޅަނގު މޫސުމުގައި ވާރޭ ވެހޭނީ މަދުން ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެގޮތުން އިންޑިއާގެ ބޮޑު ބަޔަކާއި ސްރީލަންކާއާއި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭނީ އާއްމުކޮށް ހުޅަނގު މޫސުމުގައި ވެހޭ ވަރަށް ވުރެ މަދުން ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެގޮތަށް ލަފާ ކުރެވޭކަން ހާމަކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 14 އިން 23 އަށް އިންޑިއާގެ ޕޫނާގައި ބޭއްވި "ސައުތު އޭޝިއަން ކްލައިމެޓް އައުޓްލުކް ފޯރަމް އަށް ފަހު ނެރެފައިވާ 2014 މޮންސޫން ސީޒަން ރެއިންފޯލް ކޮންސެންސަސް ސްޓޭޓްމެންޓްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ