ސަންޗޯގެ އަހުލާގީ މައްސަލަތަކާ ހެދި ޑޯޓްމަންޑުން ދެ ވަނަ ވިސްނުމަކަށް ސަންޗޯގެ އަހުލާގީ މައްސަލަތަކާ ހެދި ޑޯޓްމަންޑުން ދެ ވަނަ ވިސްނުމަކަށް

ބާލިން (ޖުލައި 31) - މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލަން ނިންމާފައިވާ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯގެ އަހުލާގީ މައްސަލަތަކާ ހެދި އޭނާ ގެންނަން ކުރީގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑުން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް ރިިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން އޮތީ ސަންޗޯ 25 މިލިއަން ޑޮލަރަށް ވިއްކާލުމަށް ތައްޔާރަށެވެ. ޔުވެންޓަސް އިން ސަންޗޯ ގަންނަން ކުރަމުން އައި މަސައްކަތް މަޑުޖައްސާލިއިރު، ސަންޗޯ، ދެ ފަހަރެއްގެ މަތިން ކުޅެފައިވާ ޑޯޓްމަންޑް ވެސް އެ ރޭހުގައި އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުގެ މެނޭޖްމަންޓާ ޖެހުނު މައްސަލައަށް ފަހު ސަންޗޯ މިދިޔަ ސީޒަނުގައި ފެނިގެންދިޔައީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީންނެވެ. އަދި އޭގެ ކުރިން ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޯ ޑޯޓްމަންޑުން ވެސް ފެނިގެންދިޔަ އެވެ. ބޮޑު އަގުގައި ޑޯޓްމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 2021 ވަނަ އަހަރުގަ އެވެ. އޭރު ޔުނައިޓެޑުން ސަންޗޯ ގަތީ 90 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
އަނެއްކާ ވެސް ސަންޗޯ ގެންނަން ޑޯޓްމަންޑްގެ މެނޭޖްމަންޓުން އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗްއާ ވާހަކަ ދެއްކިއިރު، އެ ކްލަބްގެ އެކި ފަރާތްތަކާ ވާހަކަ ދައްކައި، އެއްކުރި މައުލޫމާތު ސަންޗޯގެ ޑިސިޕްލިނަރީ ރެކޯޑް ގޯސްވުމުން، އޭނާ ގެންނަ ޑީލް ޑޯޓްމަންޑުން ވަނީ މަޑުޖައްސާލައިފަ އެވެ.
ޗެލްސީން ވަނީ ސަންޗޯގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން އުވާލަން 5-7 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ. ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމްގެ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިންގެ ލިސްޓުގައި އޮތް ސަންޗޯ ވިއްކާލަން އެ ޓީމުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ