ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 31) - ހަ އަހަރަށް ފަހު، އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ މެޗުތަކެއް އިނގިރޭސިވިލާތުގައި ކުޅެން ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފި އެވެ.
އެމެރިކާގެ ބާސްކެޓްބޯޅަ މުބާރާތް، އެންބީއޭގެ މެޗެއް އެންމެ ފަހުން އިނގިރޭސިވިލާތުގައި ކުޅެފައިވަނީ، 2019 ވަނަ އަހަރު އެވެ. ލަންޑަނުގައި، 2011 އިން 2019 އާ ދެމެދު ގަވާއިދުން އެންބީއޭގެ މެޗުތައް ހޯސްޓްކުރުމަށް ފަހު ފަހުން އެކަން ހުއްޓިގެންދިޔައީ ސަބަބުތަކަކާ ހުރެ އެވެ.
ކޮވިޑް-19ގެ ފަހުންނާއި ފަހުން އެކިއެކި ސަބަބުތަކާ ހުރެ، އެންބީއޭގެ މެޗެއް އިނގިރޭސިވިލާތުގައި ނުކުޅެ ހުރުމަށް ފަހު، އަންނަ އަހަރާއި 2027 ވަނަ އަހަރު ވެސް އިނގިރޭސިވިލާތުގައި އެންބީއޭ ހޯސްޓްކުރަން ވަނީ ނިންމައިފަ އެވެ.
އެ ގޮތުން، ލަންޑަންގެ އޯ2 އެރީނާގައި އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު، އޯލާންޑޯ މެޖިކް އާއި މެމްފިސް ބައްދަލުކުރާ މެޗު ކުޅޭއިރު، 2027 ވަނަ އަހަރުގެ މެޗު ހޯސްޓްކުރާނީ މެންޗެސްޓާގަ އެވެ. އެއީ ކޮން ދެ ޓީމެއް ބައްދަލުކުރާ މެޗެއްތޯ އެނގޭނީ، އެ ސީޒަން ފެށެން ގާތްވުމުން ކަމަށް އެންބީއޭ އިން ވަނީ ބުނެފަ އެެވެ.
މިހާރު އޮތްގޮތުން، އެންބީއޭގެ ވިސްނުމަކީ، 2026، 2027 އަދި 2028 ގައި ކޮންމެ ސީޒަނެއްގައި ވެސް މަދުވެގެން ދެ މެޗެއް ޔޫރަޕްގައި ހޯސްޓްކުރުމެވެ. އެ ގޮތުން، ލަންޑަންގެ އިތުރުން އަންނަ އަހަރު މެޗެއް ހޯސްޓްކުރާނީ ޖަރުމަނުގެ ބާލިންގަ އެވެ. އަދި، 2027 ވަނަ އަހަރު މެންޗެސްޓާގެ އިތުރުން ޕެރިހުގައި މެޗެއް ކުޅޭނެ އެވެ. އަދި، 2028 ވަނަ އަހަރު މެޗުތައް ކުޅޭނީ ބާލިން އާއި ޕެރިހުގަ އެވެ.
އެންބީއޭގެ ކުރިއަށް އޮތް ސީޒަން ފަށާނީ އަންނަ އޮކްޓޫބަރު 21 ވަނަ ދުވަހު އެވެ.
ހަ އަހަރަށް ފަހު އެންބީއޭގެ މެޗުތަކެއް އިނގިރޭސިވިލާތުގައި ހަ އަހަރަށް ފަހު އެންބީއޭގެ މެޗުތަކެއް އިނގިރޭސިވިލާތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ