ތެމާގައި ދެން އޮފީސް ހިންގާނީ ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ގޮތުގައި: މައުމޫން ފެކްޝަން

ހ. ތެމާގައި ހިންގަމުންދިޔަ ޕީޕީއެމްގެ އޮފީސް އެޕާޓީގެ ރައީސް މައުމޫންގެ އޮފީހުގެ ގޮތުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން ބުނެފި އެވެ.
ހ. ތެމާގައި ހިންގަމުން ގެންދިޔަ ޕީޕީއެމް އޮފީހަށް ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެކްޝަންގެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށުން ވަދެ އެތަނުގައި ހުރި ތަކެތި ގެންގޮސް ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަނީ އެ އިމާރާތުގައި ތަޅުއަޅުވާފަ އެވެ. އެހެންކަމުން މިއަދު އިރުއޮއްސުމާ ހަމައަށް ވެސް އެ އޮފީހަށް ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުންނަށް ވަނީ ވަދެވޭ ގޮތް ނުވެފަ އެވެ.
ނަަމަވެސް މިއަދު އިރުއޮއްސެނިކޮށް ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުން ވަނީ ހ. ތެމާގެ ވެރިފަރާތުގެ ހުއްދައާއެކު އެ އިމާރާތުގައި އަޅުވާފައި ހުރި ތަޅު ހަލާކުކޮށްލައިގެން އިމާރާތަށް ވަދެފަ އެވެ. އަދި ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން އިމާރާތަށް ވަދެ އެތަނަށް ދީފައި ހުރި ގެއްލުންތައް ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ވަނީ މީޑިއާ އަށް ދައްކާލާފަ އެވެ.
ތެމާގައި މީގެ ކުރިން ހިންގަމުން ދިޔަ ޕީޕީއެމްގެ އޮފީހުގައި ގިނަ އަދަދެއްގެ މުދަލާއި ތަކެތި ހުރި ނަމަވެސް މިއަދު މީޑީއާއަށް އެތަން ދައްކާލިއިރު އެ އިމާރާތުގައި އެއްވެސް އެއްޗެއް ނެތެވެ. އަދި އިމާރާތުގެ ފާރުތަކުގައި ވަނީ ބޭއަދަބީ ބަހުން ރައީސް މައުމޫނަށް ރައްދުކޮށް ބައެއް ލިޔުންތައް ލިޔެ އެތަނުގައި ހުރި ރައީސް މައުމޫންގެ ފޮޓޯ ފްރޭމްތައް ވެސް ވަނީ ހަލާކުކޮށްލާފަ އެވެ.
ތެމާގައި ހުންނަވައިގެން ނޫސްވެެރިންނަަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ނައިބް ރައީސް ކަމަށް އައްޔަންކުރައްވާފައިވާ އައިމިނަތު ނާދިރާ ވިދާޅުވީ އެބޭފުޅުން މިއަދު ތެމާއަށް ވަންނަން ބޭނުންވީ ފުލުހުންނާއެކު ކަމަށެވެ. ނަމަވެސް ފުލުހުންނަށް ދައުވަތު ދިނުމުން އެތަނަށް އައިސްފައި ނުވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ނާދިރާ ވިދާޅުވީ ޕީޕީއެމް އޮފީހުގެ މައްސަލާގައި މިހާތަނަށް ފުލުހުންނަށް ތިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭ ކަމަށްވެސް ވިދާޅުވި އެވެ.
ނާދިރާ އިތުރަށް ވިދާޅުވީ ޕީޕީއެމް އޮފީސް ވަނީ ބަޔަކު ލޫޓުވާލާފައި ކަމަށެވެ. އަދި އެއީ ގޮތް ހުސްވެފައިވާ ބައެއްގެ އަމަލުތަކެއް ކަަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް އޮފީހުގައި ހުރި ތަކެތި މިދިޔަ ހުކުރު ދުވަހުގެ ރޭ ނެރެގެން ގެންދިޔައީ ރައީސް ޔާމީނަށް ތާއީދުކުރާ ބައެކެވެ. މިތަކެތި ގެންގޮސް ވައްދާފައިވަނީ ޕީޕީއެމްގެ ހަރަކާތްތައް މިހާރު ހިންގަމުން ގެންދާ ދަރުބާރުގެއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ