ހާދަ ރޫހެއް، ފޯރިއެއް، ހިނިތުންވުމެއް ނެތޭ: ޔުމްނާ މައުމޫން

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން މިރޭ ބޭއްވި ޖަލްސާގައި ރޫހެއް، ފޯރިއެއް އަދި ހިނިތުންވުމެއްވެސް ނެތްކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އަސްލު" ޖަލްސާއަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަންގެ ޖަލްސާގެ ނަން ވިދާޅުނުވެ ޔުމްނާ މައުމޫން ވިދާޅުވީ އެ ޖަލްސާއަކީ "ހާދަ ރޫހެއް، ފޯރިއެއް، ހިނިތންވުމެއް ނެތޭ" މިހެންނެވެ. އަދި ޖަލްސާގައި ތިބި މެންބަރުންނަށް އިޝާރާތްކުރައްވާ "އަސްލު މަޖުބޫރުން" ކަމަށް ޔުމްނާ ވަނީ ވިދާޅުވެފައެވެ.
"ހާދަ ރޫހެއް، ފޯރިއެއް، ހިނިތުންވުމެއް ނެތޭ. އަސްލު މަޖުބޫރުވެގެން." ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޔުމްނާ ވަނީ މިރޭގެ ޖަލްސާގައި ބައެއް ބޭފުޅުން ކޯފާ އިސްކުރައްވާ ވާހަކަފުޅު ދައްކަވާފައިވާތީ އެކަމާއި ގުޅޭގޮތުންވެސް ޓްވީޓެއް ކުރައްވާފައެވެ.
"މިހާ ރުޅިގަދަ މިވަނީ ކީއްވެގެންބާ؟" ޔުމްނާ ސުވާލްކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ރައީސް މައުމޫނާއިއެކު މަސައްކަތް ކުރައްވާތީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ނިހާން ވަނީ އޭދަފުއްޓާއި، ތުލުސްދޫގެ ބިން ރައީސް އަބުދުﷲ ޔާމީން ހިއްކަވައިދެއްވާފައިވާކަމަށާއި، ނަމަވެސް އެ ދާއިރާގެ މެންބަރުން ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެ ރައްޔިތުން އެދެމެންބަރުން ޖަވާބުދާރީކުރުވުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރަށް ޔުމްނާ ވަނީ ޕީޕީއެމްގެ ޖަލްސާއަށް މެންބަރުން މާލެ ގެނައީ މަޖުބޫރުންކަމަށް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
އަދި ހިތްވަރު ކުރެއްވުމަށާއި، ފަހުން ރަނގަޅުވާނެކަމަށްވެސް ޔުމްނާ ވިދާޅުވެފައިވެއެވެ.
"ޖަލްސާއަށް މާލެ ވަޑައިގެންނެވި ޕީޕީއެމް މެންބަރުން ވަޑައިގެންނެވީ މަޖުބޫރުކަން އަޅުގަނޑުމެންނަށް އެނގޭ. ހިތްވަރުކޮށްލައްވާ. އަދި ރަނގަޅުވާނެ." ޔުމްނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ ދެބައިވެ ޕާޓީ ދެ ފެކްޝަނެއްގެ ގޮތުގައި ހިންގަމުންދާއިރު، ޔުމްނާގެ ބައްޕާފުޅު ރައީސް މައުމޫން ވަނީ މި ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައިވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ