ގައުމުގެ ކަންކަން މިހުރީ އެންމެ އެދެވޭ ގޮތަށް ނޫންކަން ގައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ ކަން ކަށަވަރު ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގައުމީ ދުވަހުގެ ތަހްނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ފޮނުވި ހާއްސަ ހިޠާބުގަ އެވެ.
ރައީސް މައުމޫންގެ ހިޠާބުގައި ވިދާޅުވީ މިވަގުތު ގައުމު މިދާ މިސްރާބާ މެދު ގައުމުގެ ރައްޔިތުން ތިބީ އެއްގޮތަކަށްވެސް ހިތްހަމަޖެހިފައި ނޫން ކަމަށެވެ. އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރާއްޖެގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި ދިވެހިރާއްޖޭގެ ގުދްރަތީ މުއްސަނދިކަން ހިފަހައްޓައި، ރާއްޖޭގައި ހަރުދަނާާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ހަރުދަނާކޮށް، އަދުލު އިންސާފު ކަށަވަރު ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ. އެހެންކަމުން ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ރާއްޖެގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ގައުމުގެ މިހާރާއި މުސްތަގްބަލަށް ޓަަކައި އިތުރު އަޒުމަކާއެކު މަސައްކަތް ކުރުމަށްވެސް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
މައުމޫންގެ ހިޠާބުގައި ވިދާޅުވީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވީ މުހައްމަދު ތަކުރުފަނާއި، ހަސަން ތަކުރުފާނާއި، އަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު "ކަޅުއޮފުންމި" ކިޔާ އަނގަމަތީ މަސް ދޯންޔެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ސަބަބުން ކަމަށެވެ.
ދިވެހީންގެ ހިތްތަކުގައި ގައުމީ ރޫހު އިތުރުކުރުވައި ގައުމީ ލޯބި ޖެއްސުވުމުގެ ގޮތުން ގައުމީ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ހިޖުރައިން 1365 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނުގެ ޒައާމަތުގަ އެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަން ކުރެވުނު ދުވަސް ކަމަށްވާ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.
ރައީސް މައުމޫންގެ ހިޠާބުގައި ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރާއިރު މަރްހޫމް އަމީންގެ ޒިކުރާ އާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމީ ދުވަހަކީ އަޅުގަނޑުމެން ތާރީހުން އިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއް ކަމަށާއި އަދި ގައުމުގެ ކަންކަމާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ދުވަހެއް ކަމަށެވެ. އެހެން ކަމުން ބޮޑުތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދާއި މެދު ދިވެއްސަކަށް ވީތީ ފަހުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް އެ މަނިކުފާނު ފަދައިން ގައުމަށްޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"މާތް ﷲ އަޅަމެންގެ ތެރޭގައި އެއްބައިވަންތަކަން ވަރުގަދަ ކުރައްވައި، ދިވެހިރާއްޖޭގައި ސުލްހަވެރިކަމާ އަމާންކަމާ މިނިވަންކަން ދަމަހައްޓަވައި، ދިވެހި ރާއްޖެއަކީ އަބަދުވެސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ލަހައްޓަވައިދެއްވުން އެދި ދުއާކުރަމެވެ." މައުމޫންގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ގައުމުގެ ކަންކަން މިއަދު ހުރީ ރަނގަޅަކަށް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ