ލިޔުނީ: އާދަމް ނަވާޒް
އިއްޔެ ނިމިގެންދިޔަ ޕީޕީއެމްގެ ޕުރައިމަރީއަށްފަހު އެޕާޓީގެ އަމާޒަކަށް މިހާރު ވެފައިވާނީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަން ހޯއްދެވި ޕާޓީގެ ޕީޖީ ލީޑަރު އަބުދުﷲ ޔާމިނަށް ވެސް އިންތިހާބު ކާމިޔާބު ކުރަން ގޮންޖެހުންތަކެއް ހުންނާނެއެވެ.
އެތައް ސިޔާސީ ލީޑަރުންނެއް ވާދަކުރައްވަވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ވަރަށް ވަރުގަދައަށް މަސައްކަތްނުކޮށް އެއީ ވާނެ ކަމެއްނޫނެވެ. ޔާމީން ވެވަޑައިގެންނަވާ ރިޔާސީ ވައުދުތަކާއި އަހުދުތައް ފުއްދޭނެކަން ޔާމީންގެ ބަހާއި އަމަލުން ރައްޔިތުންނަށް ދައްކަވަން އެބަޖެހެއެވެ.
ވާދަވެރިންނާއި، ހިޔާލުތަފާތުވާ މީހުންނާއި އެކު މަސައްކަތްކޮށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކުރިއަށް ދިއުމުގެ ގާބިލްކަން ޔާމިނުގެ ކިބައިގައި ހުރިކަން ސާބިތު ކޮއްދެއްވަވަން ދެން ބާކީ އޮތީ 160 ދުވަހެވެ. މި ކުރު މުއްދަތުގެ ތެރޭގައި އެކަން ސާބިތު ކޮށްދެއްވަވަން އެބަޖެހެއެވެ.
ޔާމިނަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަން ލިބުމަކީ އަނެއްކާވެސް ރާއްޖޭގައި އާއިލީ ވެރިކަމެއްގެ ބިންގާ އެޅިގެން ދިޔުންކަމަށް ގަބޫލުކުރާ ބަޔަކު އެބަތިއްބެވެ. މިއީ އިންތިހާބަށް ކުރިމަތިލާއިރު ޔާމިނަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު ފާޑު ކިއުންކަމަށް ގަބޫލުކުރެވެއެވެ.
ޔާމިނަށް ވެރިކަން ލިބުމީ ރައީސް މައުމޫނުގެ ޑިމޮކުރަސީއާއި "ބީރަށްޓެހި" ސިފަތައް އަނެއްކާވެސް އިޔާދަ ވާނެ ކަމެއްކަމަށް ދެކޭ ބަޔަކު ރާއްޖޭގައި އެބަތިއްބެވެ.
ޔާމިނަށް ޕީޕީއެމްގެ ޕުރައިމަރި ކާމިޔާބު ވުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ރައީސް މައުމޫނުގެ ބޭފުޅުން ޔާމިނުގެ ކެންޕޭނުގައި ބައިވެރިވެ ވަޑައިގަތުމެވެ. ނުސީދާކޮށް ނަމަވެސް ރައީސް މައުމޫނުގެ "ތާއިދު" ޔާމިނަށް އޮތްކަން އެނގުމަކީ ޕުރައިމަރީ ކާމިޔާބު ކުރަން ޔާމިނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އެހީފުޅެކެވެ.
ނަމަވެސް ސުވާލަކީ ޔާމިނަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅަށް ވީތީ ރިޔާސީ އިންތިހާބުގައި ޔާމިނަށް އެކަމުގެ ސަބަބުން ކުރާނީ ސިޔާސީ ފައިދާތޯ ނުވަތަ ގެއްލުންތޯ ކުރެވޭ ސުވާލެވެ. މިސުވާލު ޕީޕީއެމްގެ މެންބަރަކާއި ކޮށްފިނަމަ އެބޭފުޅުންގެ ޖަވާބަކަށް ވާނީ ރައީސް މައުމޫނުގެ ކޮއްކޯފުޅަށް ވީތީ ރިޔާސީ އިންތިހާބުގައި ވެސް އެކަމުގެ ފައިދާ ޔާމިނަށް ކުރާނެ ކަމަށެވެ.
ނަމަވެސް ރައީސް މައުމޫނާއި ދެކޮޅަށް 2008 ވަނަ އަހަރު ވޯޓް ދިން ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ޝަކުވާތަކާއި އެމީހުންގެ ވާހަކަތަކަށް ވެސް ރިއާއަތް ކުރަން ޖެހޭނެއެވެ.
ޔާމިނަށް ވެރިކަން ލިބުމީ ރައީސް މައުމޫނުގެ ވެރިކަން އިއާދަވުން ނޫންކަން ޔާމިނު ރައްޔިތުންނަށް ވިސްނަވައި ދެއްވަން ޖެހެއެވެ. ޔާމިނުގެ ވެރިކަމެއްގައި ރައީސް މައުމޫނުގެ ވެރިކަމުގެ ތަޖުރިބާއިން އިބުރަތް ލިބިގަނެ ރައީސް މައުމޫނުގެ ވެރިކަމުގައި ހެއްދެވިފައި ހުރި ގޯސްތައް ރަނގަޅުކޮށް އެގޯސްތައް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަވަން ވެސް އޮތީ ވަރަށް ކުރު މުއްދަތެކެވެ.
ރާއްޖެއިން ތެޔޮ ހޯއްދަވާނެ ވާހަކައާއި ޒުވާނުންނަށް ވަޒީފާ ހޯއްދަވައި ދެއްވާނެ ވާހަކައާއި އިގުތިޞާދީ ބިންގާ ވަރުގަދަ ކުރާނެ ކަމުގެ ވާހަކަފުޅު ހަމައެކަނި ދެއްކެވުމަކުން އިންތިހާބު ކާމިޔާބެއް ނުކުރެވޭނެއެވެ. މިކަންކަން ހާސިލްކުރަން ކުރައްވަވާނެ ކަންކަމުގެ ތަފްސީލްތައް ރައްޔިތުންނަށް ހާމަކޮއްދެއްވަވަން އެބަޖެހެއެވެ.
ހަމައެކަނި ވައުދު ވުމަކުން އިންތިހާބެއް ކާމިޔާބެއް ނުވާނެއެވެ. ވެވަޑައިގަންނަވާ ވައުދަކީ ފުއްދޭނެކަން ރައްޔިތު މީހާގެ ބުއްދިއަށް ވެސް ގަބޫލު ކުރެވޭ ވައުދަކަށް ވާންޖެހޭނެއެވެ.
ބަދަލުވަމުން ފޯރި ހިފަމުން މިދާ ސިޔާސީ މައިދާނުގައި ޔާމިނަށް ހުރި ގޮންޖެހުންތައް ވަރަށް ގިނައެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެހުރިހައި ގޮންޖެހުންތަކެއްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ވަރުގަދަ ސިޔާސީ ލީޑަރެއްގެ މިސާލު ދައްކަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާ އަކީ ބޮޑު ބުރަ ޒިންމާއެކެވެ.
އެޒިންމާ އުފުލަން ހަވާލު ވެވޭނީ ވެސް އެހައި ބުރަ، ބޮޑެތި މަސައްކަތްތަކެއް ކުރައްވަވައިގެންނެވެ. މިއަދު ޔާމިނާއި އެކު ޕީޕީއެމްއިން ފަށާ 160 ދުވަހުގެ ދަތުރު 7 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީޕީއެމްގެ މެންބަރުން ބޭނުންވާ ގޮތައް ނިންމުމަށްޓަކައި ހުރި ގޮންޖެހުންތައް ގިރާ ކުރަން އެމީހުން ކުރާ ކަމެއް ބަލަން ތިބެމާ ހިނގާށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޔާމިނަށް ހުރި ގޮންޖެހުންތައް ގިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ