ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ މިނިސްޓަރުކަން ކުރައްވާފައިވާ އަދި މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް ޕީޕީއެމް ޕްރައިމަރީއަށް ކުރިމަތިލައްވާނެކަން އަދި އެނގިވަޑައިގެންފައި ނެތް ކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ބައެއް ފަރާތްތަކުން ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ވަރަށް ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއް ކަމަށާއި އެޕާޓީގެ ކޮންމެ ބޭފުޅަކަށް ވެސް ޕްރައިމަރީއަށް ކުރިމަތިލުމުގެ އިހްތިޔާރާއި ހައްގު އޮންނަންޖެހޭނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް ޕްރައިމަރީ އިއުލާންކުރުމުން ކުރިމަތިލައްވާ ބޭފުޅޫން އެނގިގެން ދާނެ ކަމަށާއި އޭގެ ކުރިން އެކަމާއި މެދު ހިޔާލު ބަދަލުކުރުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑުމެން ޕްރައިމަރީ އަދި އިއުލާނެއް ނުކުރައްވާ، ޕްރައިމަރީ އިއުލާންކުރީމަ އިނގޭނީ ކޮން ބޭފުޅުންނެއްކަން ކުރިމަތިލައްވާނީ، ހަގީގަތުގައި އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއެއް، ޕާޓީޣެ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ އިހްތިޔާރާއި ހައްގު، ކޮންމެ ބޭފުޅަކު ވެސް ރައީސް ކަމަށް ޝަރުތު ހަމަވާ ކަމަށްވަންޏާ ކުރިމަތިލެއްވުމުގެ ފުރުސަތު އޮންނާނެ." މައުމޫން ވިދާޅުވި އެވެ.
އެހެންނަމަވެސް ތިޔަ ވިދާޅުވާ ބޭފުޅަކު ކުރިމަތިލައްވާ ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް، އެނޫން ބޭފުޅުން ވެސް ތިއްބަވާފާނެ، އެހެންވީމަ ދަންނަވަން މިއުޅޭ ވާހަކައަކީ ޕީޕީއެމްގެ ޕްރައިމަރީއަށް ކުރިމަތިލެއްވުމަށް ޕީޕީއެމްއިން އިއުލާންކުރާނެ އޭ ކުރިމާ އޭ އިނގޭނީ ކޮން ބޭފުޅުންނެއްކަން ކުރިމަތިލައްވަނީ، އޭގެ ކުރިން އަޅުގަނޑުމެން މިގޮތަށް ހިޔާލު ބަދަލުކުރުމުގެ މާބޮޑު ބޭނުމެއް ނެތް." ރައީސް މައުމޫން ވިދާޅުވި އެވެ.
އިލްޔާސް އިބްރާހިމް ޓީމް އުމަރުގެ ފަރާތުން ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ރެއިން ފެށިގެން ދަނީ ފެތުރެމުންނެވެ.
ރޭ އެމްވީޔޫތަށް ފޮނުއްވި އެސްއެމްއެސްއެއްގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ އިލްޔާސް އިބްރާހިމް ޓީމް އުމަރުގެ ފަރާތުން ނެރުއްވުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް ދިޓީވީއަށް މައުލޫމާތުދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ރައީސް މައުމޫން ފިޔަވައި ރާއްޖެއަށް އެންމެ ބޮޑު ހިދުމަތްތަކެއްކޮށްދެއްވި ބޭފުޅަކީ އިލްޔާސް އިބްރާހިމް ކަމަށެވެ.
ޕީޕީއެމްއިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ސިޔާސީ މައިދާނަށް ބޭނުންވަނީ ކާލާ މަންނަކަމުގައި ވާނަމަ އެ ގަނޑު ވައްޓާލާނެ ކަމަށާއި ކާލާ ބައިސާ ވައްޓާލަން ޖެހިއްޖެ ނަމަ ކާލާ ބައިސާ ވެސް ވައްޓާލާނެ ކަމަށެވެ. އުމަރު ނަސީރު ކާލާ މަންނަ ކަމަށް އެވިދާޅުވީ ރައީސް މައުމޫން އެވެ. އަދި ބެލެވޭ ގޮތުގައި ކާލާ ބައިސާއޭ ވިދާޅުވީ އިލްޔާސް އެވެ.
މިވާހަކަތަކަށް ރައްދުދެއްވާ ޔާމީން އެޖަލްސާގައި ވިދާޅުވެފައިވަނީ ކާލާ ބައިސާ ވިޔަސް ރުމާ 2 އަކީ ނިކަމެތި ގަނޑެއް ކަމަށާއި އެގަނޑު ހުކުމުގެ ގޮތުގައި ޖަހާ އަތްބައި ނެގިދާނެ ކަމަށެވެ.
ފަހަކަށް އައިސް އުމަރު ޓީމުން ބާއްވާ އެކި ޖަލްސާތަކާއި، ޕީޕީއެމްގެ އާންމު ޖަލްސާތަކުން އިލްޔާސް އިބްރާހިމް ފެންނަކަން ފާހަގަކޮށްލެވެ އެވެ.
އިލްޔާސް އިބްރާހިމް ޕްރައިމަރީއަށް ކުރިމަތިލައްވާ ކަމެއް އެނގިފައެއް ނެތް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ