ރިޔާސީ އިންތިހާބު 2008: ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު އަންނިގެ ހަމަނުވާ ކަމަށް ބުނެ ކުރާ ދައުވާގެ އަޑުއެހުން ނިންމާލައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށް ބުނެ އަމިއްލަ މީހަކު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުގައި އުފުލި ދައުވާގެ އަޑުއެހުން މިއަދު ނިންމާލައިފި އެވެ.
މައްސަލައިގެ އަޑުއެހުން ނިންމެވީ ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އިއުލާނު ކުރެއްވުމުގެ ކުރިން ދައުވާ ކުރާ، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު، އުއްތަމަ ފަނޑިޔާރަށް ޝަކުވާއެއް ވެސް ހުށަހެޅި އެވެ. އޭނާ ބުނީ ޝަރީއަތާ ގުޅިގެން އޭނާއަށް އެކި މީހުން ފޯނުކޮށްގެންނާއި އެކި ސިފަސިފައިގައި އިންޒާރު ދީ، "ހޭއަރުވާލާނެ ކަމަށް" ބުނަމުން ދާ ކަމަށާއި އެކަމަށް ޝަރީއަތުން ވިސްނާވަޑައިގަތުމަށެވެ.
މޫސާ އަންވަރުގެ އެ ވާހަކަތަކަށް އެއްވެސް ރައްދެއް ނުދެއްވާ އުއްތަމަފަނޑިޔާރު ސައީދު ހަމައެކަނި ވިދާޅުވީ "މައްސަލައިގެ އަޑުއެހުމުގެ ދޮރު ބަންދުވީ" ކަމަށެވެ.
މިއަދުގެ މަޖިލީހުގައި އަންނިގެ ވަކީލު އަހުމަދު މުރާދު ވިދާޅުވީ މޫސަގެ ދައުވާ އަކީ ސިޔާސީ ކުލަ ޖައްސާފައިވާ ދައުވާއެއް ކަމަށާއި ދައުވާ ސާބިތު ކުރުމަށް އޭނާ ދައްކާ ވާހަކަތަކަކީ ވެސް ހަމަޖެހޭ ވާހަކަތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މުރާދު ވިދާޅުވި ގޮތުގައި ވައްކަން ކުރިކަމަށް އަންނި އަބަދުވެސް އިންކާރު ކުރައްވަ އެވެ. އެކަން ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ކުރީގެ ޑިފެންސް މިނިސްޓަރަށް ފޮނުއްވާފައިވާ ސިޓީން ވެސް ސާފުވާނެ ކަމަށް މުރާދު ވިދާޅުވި އެވެ. ޝަރީއަތުގައި ދެން އޭނާ ވިދާޅުވީ ވެލާނާގެ އިން އަންނި ނެންގެވީ އެއްވެސް އަގެއް ނެތް އެއްޗެހިތަކެއް ކަމަށެވެ.
ގާނޫނީ ވަކީލެއްގެ އެހީއަކާ ނުލައި އަމިއްލަ އަށް ވާހަކަ ދައްކާ މޫސަ ބުނީ އަންނިގެ މައްޗަށް ދަށު ކޯޓުން ސާބިތުވެ ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ ވައްކަމުގެ ހުކުމަށް އިންކާރުކޮށް އެވާހަކަތައް އަންނިގެ ވަކީލު ދައްކަވާތީ ހީވަނީ އެ ހުކުމް އިސްތިއުނާފުކުރަން އުޅޭހެން ކަމަށެވެ. އަދި އެއީ ނިމިފައިވާ ކަމެއް ކަމަށާއި އެއަށް ބަދަލު ގެންނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. އަންނިގެ ވަކީލުގެ ވާހަކަތަކަކީ ބޭކާރު އަދި ޝަރީއަތާ ގުޅުމެއް ނެތް ވާހަކަތަކެއް ކަމަށް ވެސް މޫސަ ބުންޏެވެ.
މޫސަ ބުނި ގޮތުގައި އަންނި ވެލާނާގެއިން ވަގަށް ނެންގެވި އެއްޗެއްސަކީ އަގެއް ނެތް ކުނި ކަމަށް ބުނުމަކީ ހައިރާންވާން ޖެހޭ ކަމެކެވެ. އަދި ކުރީގެ ރައީސް އިބުރާހިމް ނާސިރުގެ ގެކޮޅުގެ ތަޅުދަނޑި ފައްޗަކީ އަގެއް ނެތް އެއްޗެކޭ ބުނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަކާލާތުކުރި އެވެ. އަންނި އެ ތަޅުދަނޑި ފައްޗާއި އެނޫން ވެސް ތަކެތި ވަގަށް ނެންގެވީ ހިސްޓޯރިއަލް ވެލިއުއެއް ހުރެގެން އެތަކެތި ވިއްކާލެއްވުމުގެ ބޭނުމުގައި ކަމަށް ތަރުޖަމާ ކުރެވިދާނެ ކަމަށް ވެސް މޫސަ ބުންޏެވެ.
"އަގެއް ނެތޭ، ކުންޏޭ އެވިދާޅުވާ ވިދާޅުވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން،" މޫސަ ބުންޏެވެ.
އޭނާ ބުނީ ގުރުއާނުގެ އަލް މާއިދާ ސޫރަތުގައި ވައްކަމަކީ ހައްދު ކަނޑައަޅާފައިވާ ކަމެއްކަން މޫރިތި އިބާރާތުން ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އަންނި އަކީ އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ކުރައްވާފައިވާ ބޭފުޅަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެފަދަ ކުށެއް އަންނި ކުރައްވާފައިނުވާ ކަމަށް ވިދާޅުވެ އަންނިގެ ވަކީލާއި އިލެކްޝަންސް ކޮމިޝަނުން ހުއްޖަތެއްގެ ގޮތުގައި ދައްކާ ޖިނާއީ ކޯޓުގެ ސިޓީން ވެސް އެކަން ސާބިތުނުވާ ކަމަށް މޫސަ ބުނެ އެވެ.
"އެ ސިޓީގައި ބުނެފައި އޮންނަނީ ހައްދު ގާއިމު ކުރަން ޖެހޭ ފަދަ ކުށެއް ސާބިތެއް ނުވެޔޭ. އަނެއްކާ ގާނޫނު އަސާސީގައި ބުނާ ޝަރުތުތަކުގައި އޮންނަނީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައި ހުރި މީހަކު ކަމުގައި ނުވުން. އެއްވެސް ޝައްކެއް ނެތް ޤުރުއާނުގައި ވައްކަމަކީ ހައްދު ކަނޑައެޅިފައިވާ ކުށެއްކަން ބަޔާންކޮށްފައިވާ ކަން. އަނެއްކާ ވައްކަމުގެ ހުކުމެއް އަންނިގެ މައްޗަށް ވަނީ ސާބިތުވެފައި، އެހެންވީމާ އެބަ ސާބިތުވޭ ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް އަންނިގެ މައްޗަށް ސާބިތުވިކަން، " މޫސާ އަންވަރު ބުންޏެވެ.
އޭނާ ބުނީ އިލެކްޝަންސުން އަންނިގެ ނަން ބަލައިގަތުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި އެއީ ޣައިރު ގާނޫނީ އަމަލެއްކަން އިލެޝަންސުން ދައްކަވާ ސިޓީތަކުން ވެސް ސާބިތުވާ ކަމަށެވެ.
އަންނިގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނަނީ އަންނި އަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫން ކަމަށާއި އަންނި އަކީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ސާބިތުވެފައިވާ ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ