ޕެޓްރޯލް ލީޓަރަކުން 50 ލާރި ޑީސަލް ލީޓަރަކުން އެއް ރުފިޔާ އެސްޓީއޯ އިން ހެޔޮކޮށްފި

ޕެޓްރޯލް ލީޓަރަކުން 50 ލާރި އަދި ޑީސަލް ލީޓަރަކުން އެއް ރުފިޔާ އެސްޓީއޯ އިން ހެޔޮކޮށްފި އެވެ.
ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިން މިއަދު ނެރުނު ދެ ފޮޅުވަތުގެ ނޫސްބަޔާނުގައި ވަނީ ޑީސަލް ލީޓަރެއްގެ އަގު 14.75ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 13.75ރ. އަށް މިއަދުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށެވެ. މި ދެ ބާވަތުގެ އަގު އެސްޓީއޯ އިން ހެޔޮކުރި ނަމަވެސް ކަރާސީނުގެ އަގަށް މި ފަހަރު ވެސް އެސްޓީއޯ އިން ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އެ ކުންފުނިން މިދިޔަ މަހުގެ 23 ވަނަ ދުވަހު ތެލުގެ އަގު ހެޔޮކުރިއިރު ޑީސަލް ލިޓަރަކުން 75 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 25 ލާރި ހެޔޮކޮށްފައިވެ އެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާންފެށި ފަހުން، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރި ހަތަރު ވަނަ ފަހަރެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލިގެން ދިޔަ ދުވަސްވަރު، މާލޭ ބާޒާރުގައި ޕެޓްރޯލް ލިޓަރެއް ވިއްކައިފައިވާ އެންމެ މަތީ އަގަކީ 15.25ރ. އެވެ. އަދި ޑީސަލް ލިޓަރެއް ވިއްކައިފައިވާ އެންމެ މަތީ އަގަކީ 17.50ރ. އެވެ.
ދުނިޔޭގެ ބާޒާރަށް ބަލާއިރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ނިޔުޔޯކްގައި މި ވަގުތު ހުރީ 77.70 ޑޮލަރުގަ އެވެ. އަދި ލަންޑަންގައި ހުރީ 74.09 ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ