ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ފުރުސަތު ނުދިނުމުން ހުށަހެޅި މައްސަލަ ބަލައިގެންފި
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރާތްކުރުމުގެ ފުރުސަތު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އަށް ހެލްތު މިނިސްޓްރީން ނުދިނުމުން ހުށަހެޅި އިމްތިޔާޒާއި ސުލޫކީ މައްސަލަ މަޖިލީހުގެ އިއްތިފާގުން ބަލައިގެންފިއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި 55 މެންބަރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ. އެއާއެކު ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވަނީ ތާއިދުކުރައްވައިފައެވެ. މެންބަރު ކުޑޫ މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ސިޓީއެއް ފޮނުއްވި ކަމަށެވެ. މަޖިލީހުގެ ލެޓާހެޑްގައި ފޮނުވި އެ ސިޓީގައި، އެއީ އެ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް ކުޑޫ ވިދާޅުވިއެވެ. ނަމަވެސް ދެ މަސް ފާއިތުވެ ދިޔައިރު ވެސް މިނިސްޓްރީން އެއްވެސް ޖަވާބެއް އެ ސިޓީއަށް ދީފައިނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. "ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ،" ކުޑޫ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ އަދި އެ މެންބަރަކު ހޯދަން އެދޭ މައުލޫމާތެއް ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ